ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ބާސެލޯނާގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށްޓަކައި ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މި ފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެތުލެޓިކޯ މެޑްރިޑުން އުމުރުން 28 އަހަރުގެ ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ.

މި ސީޒަންގެ ފުރަތަމަ ހަތް މެޗުގައި، އަނިޔާގެ ސަބަބުން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އިތުރުން އޮސްމާނޭ ޑެމްބެލޭ ނެތި ކުޅުނުއިރު އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގްރީޒްމަން ކުޅުނު ނަމަވެސް، ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު އޭނާ ފެށީ ބެންޗުންނެވެ. 

އެގޮތުން، ބާސެލޯނާގެ ކޯޗު ވަލްވާޑޭ ވަނީ ގްރީޒްމަންގެ ބަދަލުގައި ޑެމްބެލޭ އާއި ޒުވާން ފޯވާޑް އަންސޫ ފާޓީ އަށް އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ފުުރުޞަތުދީފައެވެ.

މިހާތަނަށް އައިއިރު ގްރީޒްމަން ވަނީ ބާސެލޯނާ އަށް ހަތަރު ލަނޑުޖަހައި، އިތުރު ތިން ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. އެހެންނަމަވެސް، މެސީ އާއި ސުއަރޭޒްއާއެކު ފަހަކަށް އައިސް ބާސެލޯނާގެ ފޯވާޑްލައިންގެ ވާތް ފަޅިން އޭނާ އަށް ކުޅެން ޖެހިފައިވާތީވެ، އެންމެ އެކަށީގެންވާ ފަދަ ކުޅުމެއް ދެއްކިފައެއްނުވެއެވެ.

ފަހަކަށް އައިސް ބާސެލޯނާގެ ފުރަތަމަ އެގާރައިން ގްރީޒްމަން އަށް ޖާގަ ނުދެނީ ކޮން ސަބަބަކާހުރެ ތޯ ކުރި ސުވާލުތަކަށް ޖަވާބުދެމުން އެ ޓީމުގެ ކޯޗު ވަލްވާޑޭ ބުނީ އޭނާ އަކީ ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، އެކަމަކު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި އެންމެފަހުން ކުޅުނު ދެ މެޗުގައި ގްރީޒްމަން ނުކުޅުވީ ކަމަށެވެ.

"ފުރަތަމަ އެގާރައިގައި ގްރީޒްމަން ނުހިމެނީ އެންމެ ފަހުން ކުޅުނު ދެ ތިން މެޗެއްގައި އެކަނި. އެގޮތުން، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާނެ. އެއްވެސް ކުޅުންތެރިއަކީ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުވާނެ ކުޅުންތެރިއެކޭ ނުވަތަ ޖާގަ ނުލިބޭނެ ކުޅުންތެރިއެކޭ ބުނާކަށް ނެތީން."

"އެހެންނަމަވެސް، ގްރީޒްމަންގެ ފަރާތުން އަހަރެމެން އުއްމީދު ކުރާވަރުގެ ކުޅުމެއް ފެންނަ ކަމަށްވާ ނަމަ އޭނާ އަށް ފުރަތަމަ އެގާރައިން ޖާގަ ލިބެނޭ." ވަލްވާޑޭ ބުންޏެވެ.

ސްޕެނިޝް ލީގުގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑަކާއެކު އޮތް ބާސެލޯނާ އަށް ދެން އޮތީ ތާވަލްގެ އެގާރަ ވަނައިގައި އޮތް ލެވަންޓޭއާ ދެކޮޅަށް ކުޅޭ މެޗެވެ. ލެވަންޓޭގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 20:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.