ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުލުގައި އޮތް ޑިޖޯން އަތުން ރަށުން ބޭރުގައި 2-1 އިން ބަލިވެ ޕީއެސްޖީ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިއީ ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.

ރޭގެ ނަތީޖާއަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅެނީ 12 މެޗުން 27 ޕޮއިންޓް ހަމަކޮށްފައިވާ ޕީއެސްޖީ އެވެ. އޭގެ އަށް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ނޯންޓްސް އަށް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. ތިންވަނައިގައި އޮތް ލިއްލޭ އާއި ހަތަރުވަނައިގައި އުޅޭ ރެއިމްސް އަށް 18 ޕޮއިންޓް ލިބިފައިވާއިރު، ލިއްލޭ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ.

ޑިޖޯންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީވެސް ޕީއެސްޖީންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާގެ ހުނަރުވެރި މިޑްފީލްޑަރު އެންހެލް ޑި މާރިއާ ދިން ބޯޅައަކުން މިލަނޑުޖަހައިދިނީ ކިލިއަން އެމްބާޕޭ އެވެ. 

އޭގެފަހުން، އެ ޓީމުގެ މައުރޯ އިކާޑީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޑިޖޯންގެ ކީޕަރު އަލްފްރެޑް ގޯމިސް މަތަކުރިއިރު، ލެއަންޑްރޯ ޕަރެޑެސް ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑިޖޯން އަށް އެއްވަރުކޮށްދިނީ މުނީރު ޗޯއިއާ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ޑިޖޯނަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ޔޮންޑާ ކާޑިޒް އެވެ. އޭގެފަހުން، ޕީއެސްޖީ އަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް އެމްބާޕޭ އާއި ޑި މާރިއާގެ އިތުރުން އެޑިންސަން ކަވާނީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، އިކާޑީ އާއި ޕަރެޑޭސް ފޮނުވާލި ހަމަލާތައް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ޕީއެސްޖީ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅޭ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.