މިސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައިނުވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ސަރުކާރަށް ޖޭޕީި އިން ފާޑު ކިޔާ ނަމަ ސަރުކާރު ކޯލިޝަނުން ނުކުންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުންއެވެ.

ޖޭޕީގެ ފޭސްބުކް ޕޭޖްގައި ލިޔެފައިވަނީ، ޖޭޕީ އިން ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިސަރުކާރު ދަމަހައްޓަން ވަރަށް ބުރަކޮށް މަސައްކަތް ކުރާކަމަށާއި، ކޯލިޝަން ހެދީ ހިޔާލުތަފާތުވާންޖެހޭ ކަންކަމުގައި ހިޔާލު ހިޔާލުތަފާތުވެ މަޝްވަރާގެ ރިވެތި އުސޫލުން ހިޔާލު އެއްގޮތް މަސައްކަތް ކުރާ ލީޑަރޝިޕެއް ދެމެހެއްޓުމަށް ކަމަށެވެ. އަދި މިހާތަނަށް ޖޭޕީ އިން މިސަރުކާރާ ރައީސް ސޯލިހުއަށް އެއްވެސް މިންވަރަކަށް ފާޑު ކިޔާފައިނުވާ ކަމަށާއި، މެމްބަރު އާޒިމް ދެއްކެވީ ދޮގުވާހަކަތަކެއް ކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަލިއަޅުއްވާލައްވާ ޖެޕީން ބުނީ އެމަނިކުފާނު ކުރައްވާ ކަންކަމުގައި ފާޑު ކިޔަން ޖެހެނީ ފާޑު ކިޔޭނެ މިންވަރަށް އެކިއެކި ކަންކަމުގައި ގެންގުޅުއްވާ ދިވެހިންނާއި ބީރައްޓެހި ގައުމީ ދީނީ އެއްބައިވަންތަކަން ގެއްލޭ މިންވަރަށް ދައްކަވާ ވާހަކަފުޅާ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

ޖޭޕީން ބުނީ ކޯލިޝަންގައި އޮތް ނަމަވެސް އިސްލާމް ދީނާއި ގައުމާ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ކުރާނަމަ އެކަމާ ދެކޮޅަށް އެޕާޓީން ވާހަކަދައްކާނެ ކަމަށާއި، ކަންކަން އިސްލާހު ކުރަން ބާރު އަޅާނެ ކަމަށެވެ. އަދި މިހާތަނަށް ރައީސް ސޯލިހު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް ޖޭޕީން މަރުހަބާ ކިޔާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.

މީގެ އިތުރުން ޖޭޕީން ބުނީ ރައީސް ނަޝީދު ފަހަކަށް އައިސް ސަރުކާރުގެ ކަންކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދެކެވުން އާންމުވެފައިވާ މިދަނޑިވަޅުގައި މެމްބަރު އާޒިމްގެ ވާހަކައިން ރައީސް ސޯލިހުގެ ސަރުކާރަކީ އެމްޑީޕީ އާއި ރައީސް ނަޝީދުގެ ހިމެނޭ ސަރުކާރެއް ނޫން ކަމަށް ދޭހަވާ ކަމަށެވެ. އަދި ޖޭޕީން އަބަދު ވެސް ދެމި އޮންނާނީ ކޯލިޝަން ވެރިކަން ހެޔޮ ގޮތުގައި ދަމަހައްޓާ ރައީސް ސޯލިހު އަށް އެއްބާރުލުން ދިނުމަށް ކަމަށް ޖޭޕީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.