"ވެލާ ކަނހަބާ މިޔަރު ބޮޑުމަސް، މަދުން ފެނިދާ މިބާވަތްތައް، ފިލާ ކަނޑުފަރު ތަކުން ނުދަނީސް، ހިފުން ވެއްޖޭ މުޅިން ހުއްޓަން"

މިއީ ޖަމާޢަތު ޚަބަރުގެ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ އަދަދުގައި އިއްޒާ އަހުމަދު ނިޒާރު ކިޔާ ބޭފުޅަކު "އެންމެންގެ ޒިންމާއެއް!" މި ނަމުގައި ލިޔުއްވާފައިވާ ޅެމެއްގެ ބައިތެކެވެ. އެބޭފުޅާ ފާހަގަކޮށްލާފައި އެވަނީ މިޔަރުފަދަ މަދުން ފެންނަ ބާވަތްތައް އެއްކޮށް ހުސްވުމުގެ ބިރު ހީވެފައިވާކަމެވެ. އަދި އެ ބާވަތްތައް އެއްކޮށް ހުސްވުމުގެ ކުރިން އެންމެންގެ ޒިންމާއެއް ކަމުގައި ދެކި އެފަދަ ތަކެތި ހިފުން ހުއްޓާލަން ޖެހިއްޖެކަމަށެވެ.

ޝައްކެއްނެތެވެ. ކަނޑުގައި އުޅޭ މަސްމަހާމެހީގެ ތެރެއިން އެންމެ ނުރައްކާތެރި ތަކެތީގެ ތެރޭގައި ހިމެނޭ މިޔަރު މި ދިވެހިރާއްޖެއިންވަނީ ހިމާޔަތްކޮށްފައެވެ. ހިފުމާއި ބޭނުންވަނީ މަނާ ކޮށްފައެވެ. މިޔަރުގެ އުރަހައިގެ ވިޔަފާރިއަކީ ދިވެހިން ކުރަމުން އައި ފައިދާބޮޑު މަސައްކަތަށް ވީނަމަވެސް މިޔަރު ހިމާޔަތް ކުރެވުމާއެކު އެކަން ކުރާ މީހުން ކުށްވެރިންނަށްވެ ބޮޑެތި އަދަބުތައްވެސް ދެވިފައި އެބަ ހުއްޓެވެ. މިފަހުން ހދ. ކުޅުދުއްފުށީގައި (2016 ވަނަ އަހަރު) ލޮނު އަޅައިގެން މިޔަރު މަހާއި އުރަހަ ހިއްކައިގެން ބަޔަކު އުޅޭކަން ފުލުހަށް ރިޕޯޓު ކުރެވި އެ މައްސަލަ ބެލިފައިވެއެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރު ސިނަމާލޭ ބުރިޖް ހެދި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ މުވައްޒަފުން، އެ ސަރަހައްދުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އާންމުން ހުށަހެޅުމުން އެ ކުންފުނިންވެސް އެ މައްސަލަވަނީ ބަލާފައެވެ. އަދި އެކަން އެ ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރި ކުރުވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެހެންނަމަވެސް ދިވެހިންގެ ލޭނާރުކަމުގައި މަރުކާޖެހިފައިވާ މަސްވެރިކަމަށް މިއަދު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މިޔަރުގެ ނުރައްކަލެވެ. ވަދުގައި ނުވަތަ ބުޅީގައި މަހެއްޖެހި ދަމާފައި އުޅަނދަށް ސަލާމަތުން ނެގިދާނެކަމުގެ އެއްވެސް ޔަގީންކަމެއް މިއަދު މަސްވެރިންނަކަށް ނެތެވެ. މިކަން އާމްދަނީއަކަށް މަސްވެރިކަން ކުރާ މީހުންނާއި މަޖަލަކަށް (ސްޕޯރޓްސް ފިޝިންގ) ނަށްވެސް ވަނީ ބޮޑު މައްސަލައަކަށްވެފައެވެ. ބާނާ މަހުން މިޔަރަށް ދައްކަންޖެހޭ ޖިޒީ ބޮޑުކަމުގެ ޝަކުވާއަކީ އާންމު ޝަކުވާއެކެވެ. ނަމަވެސް ގާނޫނީގޮތުން މިކަން އޮތީ މަސްވެރިން އެދޭ އެންމެ އެދޭ ގޮތަކަށޭ ނުބުނެވޭނެއެވެ. މިޔަރު ސަލާމަތް ކުރެވިއްޖެއެވެ. އެކަމުގެ ސަބަބުން އިންތިހާއަށް މިޔަރު ގިނަ ވެއްޖެއެވެ. ނަތީޖާއަކީ މިޔަރުގެ އުދަނގޫ މަސްވެރިންނަށްޖެހި މަސްވެރިކަމަށް އެކަމުގެ އަސަރުކުރުމެވެ. މަސްވެރިކަމުން ކައިގެންބޮއިގެން އުޅޭ މީހުންނަށް އެކަމުގެ އަސަރު އިންތިހާއަށް ކުރުމެވެ.

"މިހާރު ޗާންސެއް ނަގަން ޖެހޭނީ، މިޔަރަށް އަތުނުވެ މަހެއް ބޯޓަށް ގެންނަން ވެއްޖެއްޔާ. އެދެން ހަމަ، ވަރަށް ކުޑަ ޗާންސެއް ހަމަ. މިޔަރު ހިމާޔަށްކޮށްފި. އެކަމަކު ދެން އެއްޗިއްސަކަށް ނުބަލާ. މީހުންތައް މަސްކައި ހުސްކޮށްފި. މިޔަރު ކާނެ އެއްޗެއް ނެތް. މިހާރު މިއޮތީ މިޔަރާމެދު ކޮންމެވެސް ގޮތެއް ވިސްނަންވެފަ" ސްޕޯޓްސް ފިޝިންގގައި މިއަދު ދިވެހިންގެ މެދުގައި މަޤުބޫލު އަދި ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސްބޭނުމުގެ ޝަރަފް ހޯދި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ޤާސިމް (ބޮންޑާ) އެމްވީ ޕްލަސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ. ސަކަ މިޒާޖަކަށް ބޮންޑާ އެވާހަކަ ބުނެލިއެއްކަމަކު އެއީ މިއަދު ހުރިހާ މަސްވެރިންގެވެސް އެދުމެކެވެ. ކަންބޮޑުވުމެކެވެ.

ހައްލަކީ ކޮބާ؟

މިޔަރު މަދު ކުރެވޭނެ އެއްގޮތަކީ ވަކި މުއްދަތަކަށް މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމެވެ. ހުއްދަ ދެވިއްޖެނަމަ މިޔަރުގެ އަދަދު މަދުވެ މަސްވެރިންނަށް އެކަމުގެ ހެޔޮ އަސަރު ކުރުމަކީ ކައިރިކަމެކެވެ.

ނަމަވެސް މިޔަރު ބާނަން ހުއްދަ ދިނުމުން އެކަމުގެ ނުބައި އަސަރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެއެވެ. ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލަން އަންނަ ފަތުރުވެރިން ޑައިވްކުރާ ސަރަހައްދުތަކުގައި މިޔަރު ގިނައެވެ. އެކަމުގެ ސަބަބުން އެމީހުންނަށް ރާއްޖޭގެ ކަނޑުއަޑީގެ ދިރުމުގެ މުއްސަނދިކަން އެނގޭނެއެވެ.

މަސްމަހާމެހީގެ ތަޖުރިބާކާރެއް ކަމަށް ވާ އަހުމަދު ހާފިޒް ވިދާޅުވީ މަސްވެރިންނަށް މިޔަރުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތި ނަމަވެސް އޭގެ މަސްވެރިކަމަށް އަލުން ހުއްދަ ދިނުން ރަނގަޅު ނޫން ކަމަށާއި ރާއްޖެއަކީ ޓޫރިޒަމް ފުޅާވެފައިވާ ގައުމަކަށް ވާއިރު މިޔަރު ގިނަވުމުގެ ފައިދާ އެ އިންޑަސްޓްރީއަށް އޮންނާނެ ކަމަށް ވެސް މިހާރު ނޫހުގެ 6 ފެބުރުއަރީ 2019 ގައި އަހުމަދު ސާއިލް އަލީ ލިޔުއްވާފައިވާ "މަސްވެރިން: މިޔަރު ގިނަވެ، އުނދަގުލަކަށް ވެއްޖެ!" މި މަޢުޟޫގައި ވާ ރިޕޯޓުގައިވެއެވެ.

މަސްވެރިންގެ މި ޝަކުވާއަށް ނިމުން އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ދިވެހިންގެ ލޭނާރަށް މިއަދު ދިމާވެފައިވާ މި ނުރައްކަލުން ސަލާމަތްވާނެ ދުވަހަކަށް ދިވެހި މަސްވެރިން ތިބީ ކެތްތެރިކަމެއްނެތި އިންތިޒާރުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *