މާޒީ ހަނދާން ކޮށްފައި އެއާއިމެދު ވިސްނައި، މާޒީގައި ވެފައިވާ ދެރަކަންތަކާއި މެދު ވިސްނުމަކީ، ނުވިސްނޭ މޮޔަކަމެކެވެ.އަޒުމް މަރާލައި، ކުރިމަތީގައި އޮތް ހަޔާތް ބޭކާރުކޮށްލުމެވެ.ބުއްދިވެރިން ގާތުގައި މާޒީގެ ފަތަކީ އޮޅާލެވިފައިވާ އެއްޗެކެވެ.ނިއުޅައިގެން ކިޔާ އެއްޗެއް ނޫނެވެ.އެއީ ހަނދާން ނެތިކޮށްލުމުގެ ތޭރިތަކުގެ ފަހަތުގައި އަބަދަށްޓަކައި ބަންދުކުރެވިފައިވާ އެއްޗެކެވެ.އަޅާނުލުމުގެ ޖަލުގައި ވަރުގަދަ ވަލުން އައްސާލެވިފައިވާ އެއްޗެކެވެ.އެއީ ދުވަހަކުވެސް އެތަނުން ނުކުމެގެންވާނެ އެއްޗެއްނޫނެވެ.އެެއީ ބަންދުކުރެވި ތަޅުލެވިފައިވާ، އޭގެ ވާހަކައެއް ނުދެއްކޭ އެއްޗެކެވެ.

ސަބަބަކީ އެެއީމާޒީއެވެ. ނިމިފައިވާކަމެކެވެ.ހިތާމަކުރުމަކުން އެކަން އަލަކުން ނުކުރެވޭނެއެވެ.ދެރަވުމަކުން އެކަން އިސްލާހެއް ނުކުރެވޭނެއެވެ.ހިތްކިލަނބުވުމަކުން އެކަން އަލަކުން ނުދިރުވޭނެއެވެ.އެހެނީ އެެއީ ނެތުމެކެވެ.

ވީމާ މާޒީގެ ބިރުވެރި ހުވަފެންތެރޭގައި ނޫޅޭށެވެ.ފާއިތުވެފައިވާ ކަންތަކުގެ އަނދިރިވިލާގަނޑުގެ ދަށުގައި ނުހުންނާށެވެ.މާޒީގެ ބިރުވެރިކަމުން ތިބާގެ ނަފްސު ސަލާމަތް ކުރާށެވެ.ތިބާ ބޭނުންވަނީ ކޯރުގެ ފެން އައި ދިމާއަށް ދާން ހެއްޔެވެ؟ އިރު އެރި ދިމާއަށް ދާން ހެއްޔެވެ؟ ފޭބިކަރުނަ ލޮލަށް އަނބުރާ ފޮނުވަން ހެއްޔެވެ؟މާޒީއާއި މެދު ވިސްނައި، މާޒީ ދެކެ ބިރުގަނެ، މާޒީގެ އަލިފާނުން ތިބާ އަންދައި ނުލާށެވެ.އޮޅިގަނޑުކުރިމަތީގައި ބަނޑުޖަހައިގެން ތިއޮންނަ އޮތުމަކީ ހިތާމަކުރަންޖެހޭފަދަ ނުރައްކާތެރި ކަމެކެވެ.މާޒީގެ ފޮތް މިއަދު ކިޔުމަކީ ކުރިމަތީ އޮތް ވަގުތު ބޭކާރު ކުރުމެވެ.

ވީމާ ކަންއެއޮތީ ނިމިފައެވެ.މާޒީގެ މަރުވެފައިވާ ހަށިގަނޑު ފަޅާބެލުމުގެ މާނައެތްނެތެވެ.ތާރީހުގެ ފުރޮޅު ފަހަތަށް އެނބުރުމުގެ ބޭނުމެއްނެތެވެ.އަހަރުމެންނަށް ޖެހިފައި ވާ ބައްޔަކީ ވަގުތުގައިވާ ކަންތަށް ނުކޮށް މާޒީއާއިމެދު މަޝްޢޫލްވުމެވެ.ރީތި ގަނޑުވަރުތައް ދޫކޮށްފައި ވީރާނާވެފައިވާ ގާ ފުނީގެ މޮޅުވާހަކަ ދައްކަން ތިބުމެވެ.

ފަހަތައް ނުބަލާށެވެ.ފުރަގަހަށް ނުއެނބުރޭށެވެ.އެހެނީ ވައި ޖެހެނީ ކުރިއަށެވެ.ފެންކޯރު ދުވަނީ ކުރިއަށެވެ.ޤާފިލާ ދަތުރު ކުރަނީ ކުރިއަށެވެ.ވީމާ ތިބާ އެކަނި، ޙަޔާތުގެ ސުންނަތާއި ޚިލާފުނުވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.