އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި އާސެނަލް ކަޓުވާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފޯރިގަދަ މެޗަަކަށް ފަހު އަމިއްލަ ދަނޑުގައި އާސެނަލް އަތުން ޕެނަލްޓީ ޖަހައިގެން 5-4 އިން ލިވަޕޫލް މޮޅުވިއިރު، ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ޔުނައިޓެޑް އަތުން ބަލިވެފައެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެޓީމުގެ ފުރަތަަމަ އެގާރައިގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު ކުޅެފައިނުވާއިރު، އާސެނަލުން ރޭގެ މެޗަށް ނިކުތީ ވެސް ޒުވާން ގިނަ ކުޅުންތެރިންނާއެކުއެވެ. އެހެންނަމަވެސް، ދުވަސްތަކަކަށްފަހު އެ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު މެސުޓް އޮޒިލް އަށް ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވާއިރު، ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރީ ސްޕެއިނުގެ ފުލްބެކް ހެކްޓަ ބެލަރީން އެވެ.

އެންފީލްޑްގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި ލިވަޕޫލުން ލީޑްނެގީ އާސެނަލްގެ ޑިފެންޑަރު ޝްކޮޑްރަން މުސްތާފީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ނަމަވެސް، މެޗުގެ 19 ވަނަ މިނެޓުގައި އުރުގުއޭގެ މިޑްފީލްޑަރު ލޫކަސް ޓޮރޭރާގެ ލަނޑުން އާސެނަލް އެއްވަރުކޮށްފައިވާއިރު، އޭގެ ހަތް މިނެޓުފަހުން ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެއްލީ ވައްދާލި ގޯލުން އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. 

މެޗުގެ 36 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާޓިނެއްލީ ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ހާވޭ އެލިއަޓް އަށް އާސެނަލްގެ މާޓިނެއްލީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޖޭމްސް މިލްނާ ވަނީ ފަރަގު ކުޑަކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑައިރުކޮޅެއްގެތެރޭގައި، މެޗުގެ 54 ވަނަ މިނެޓުގައި އައިންސްލީ މެޓްލަންޑް-ނައިލްސް ވަނީ އޮޒިލް ދިން ބޯޅައަކުން އާސެނަލަށް ދެވަނަ ފަހަރަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

އޭގެ ހަތަރު މިނެޓުފަހުން، އެޑަމް ލަލާނާ ބޮލުން ޖައްސާލި ޕާހަކުން ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ހަމަލާއަކުން ކުރީން އާސެނަލަށް ކުޅުނު އަލެކްސް އޮކްސްލޭޑް-ޗަމްބަލެއިން ވަނީ ނަތީޖާ 4-3 އަށް ބަދަލުކޮށްލާފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗުގެ 62 ވަނަ މިނެޓުގައި ޑިވޮކް އޮރީގީ ގެ ގޯލުން ލިވަޕޫލުން އެއްވަރުކުރިއިރު، މެޗުގެ 70 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ޖޯ ވިލޮކް ކާމިޔާބުކުރި ހިތްގައިމު ގޯލާއެކު އާސެނަލް ކުރީގައިއޮވެގެން ނިމެންދަނިކޮށް، މެޗުގެ އިތުރުވަގުތުގައި ލިވަޕޫލަށް އަނެއްކާވެސް އެއްވަރުކޮށްދިނީ އޮރީގީ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 5-5 އިން އެއްވަރުވުމުން، ޕެނަލްޓީ ޝޫޓްއައުޓްގައި ލިވަޕޫލުން ކުރިހޯދީ 5-4 އިންނެވެ. ލިވަޕޫލުން ޖެހި ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު އާސެނަލްގެ ޑެނީ ސެބާޔޯސް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކޯހިމް ކެލަހާ މަތަކުރިއެވެ. 

ލިވަޕޫލްގެ ޕެނަލްޓީތައް ފޮނުވާލީ، މިލްނާ، ލަލާނާ، ރިއާން ބްރޫސްޓާ، އޮރީގީ އަދި ކާޓިސް ޖޯންސް އެވެ. އާސެނަލްގެ އަނެއް ހަތަރު ޕެނަލްޓީ ކާމިޔާބުކުރީ ބެލެރިން، ނައިލްސް، މަޓެއޯ ގެންޑޫޒީ އަދި މާޓިނެއްލީ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ޔުނައިޓެޑުން މޮޅުވިއިރު، އެޓީމުގެ ދެލަނޑު ވެސް ޖަހައިދިނީ މާކަސް ރަޝްފޯޑް އެވެ. 

މިމެޗުގެ ފުރަތަަމަ ހާފުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން ރަޝްފޯޑް ލީޑްނަގައިދީފައިވަނިކޮށް ދެވަނަ ހާފުގައި ޗެލްސީ އަށް އެއްވަރުކޮށްދިނީ މިޝީ ބަޓްޝުއާޔީ އެވެ. ނަމަވެސް، މެޗުގެ ފަހު 20 މިނެޓުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ކުއާޓާ އިން ޖާގައެއް ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުތަކަށް ފަހު ލީގު ކަޕްގެ ކުއާޓާ އިން  ޖާގަ ހޯދާފައިވާ ގަދަބާރުން ގޭތެރޭގައި ހިމެނެނީ، ޔުނައިޓެޑާއި ލިވަޕޫލްގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ދެން ކުއާޓާގައި ހިމެނެނީ ރޭ ވުލްވްސް އަތުން 2-1 އިން މޮޅުވި އެސްޓަން ވިލާ، ލެސްޓާ ސިޓީ، އެވަޓަން، ކޮލްޗެސްޓާ ޔުނައިޓެޑް އަދި އޮކްސްފޯޑް ޔުނައިޓެޑެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.