ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލެގަނޭސް އަތުން 5-0 އިން ހޯދީ ބޮޑު މޮޅާއެކު ރެއާލް މެޑްރިޑުން ތާވަލްގެ އެންމެ ކުރީގައި އުޅޭ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު އެއްވަނައިގައި އަދިވެސް އުޅެނީ ބާސެލޯނާ އެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު،  އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލެވެ. ތިންވަނައިގައި އޮތް ގްރަނާޑާއާ ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 20 ޕޮއިންޓް ލިބިފައިވާއިރު،  ގޯލްގެ ތަފާތުން ކުރިލިބެނީ ގްރަނާޑާ އަށެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފުގެ ކުރީކޮޅު އެޓީމުން ވަނީ ދެލަނޑު ޖަހާފައެވެ. އެގޮތުން، މެޗުގެ ހަތްވަނަ މިނެޓުގައި ރެއާލްގެ ފުރަތަަމަ ލަނޑު، ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ރޮޑްރިގޯ ގޮއެސް  ކާމިޔާބުކުރިއިރު އޭގެ މިނެޓެއްފަހުން ޓޮނީ ކްރޫސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. 

އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ވައްދާލި ޕެނަލްޓީއާއެކު އެޓީމުން ފުރަތަަމަ ހާފު ނިންމާލީ 3-0 އިން އޮވެގެންނެވެ. މިގޯލާއެކު ރާމޮސް ވަނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް ފަހު ޖެހިޖެހިގެން 16 ސީޒަނުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ވެސް ރެއާލަށް އިތުރު ޕެނަލްޓީއެއް ލިބިފައިވާއިރު ރާމޮސް ވަނީ އެ ޕެނަލްޓީ ޖެހުމަށް ބެންޒެމާއަށް ދީފައެވެ.  މި ގޯލާއެކު ބެންޒެމާ ވަނީ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާފައިވާ ޖެރާޑް މޮރޭނޯއާ އެއްވަރަށް ހަތް ގޯލް ޖަހާފައެވެ.

ރެއާލްގެ ފަހު ލަނޑު، މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ސާބިއާގެ ފޯވާޑް ލޫކާ ޖޮވިޗް އެވެ. މިއީ ރެއާލަށް އޭނާ ޖަހައިދިން ފުރަތަަމަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެވިއްޔާއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު ދެ ޓީމު  1-1 އިން އެއްވަރުވިއިރު، ލެވަންޓޭ ވަނީ ރަށުން ބޭރުގައި 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފައެވެ. އެތުލެޓިކް ބިލްބާއޯ އަތުން 3-0 އިން އެސްޕަންޔޯލް ބަލިވިއިރު، ރެއާލް ބެޓިސް ވަނީ 2-1 އިން ސެލްޓާ ވިގޯ އަތުން މޮޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.