ދެކުނުގެ އަތޮޅުތަކުގެ ކައުންސިލަރުންނަށް ޚާއްސަކޮށްގެން ބާއްވާ "ދެކުނު މަހާސިންތާ 2019" ފަށައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ގއ. ވިލިނގިލީގައި ކުރިއަށްދާ މަހާސިންތާ ފަށާފައިވަނީ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައެވެ.

މި މަހާސިންތާ ފައްޓަވައިދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ގއ، ގދ, ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާއިއެކު ޖުމްލަ ހަތަރު އަތޮޅުގެ ކައުންސިލު ބައިވެރިވާ މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލއިގެންނެވެ. އެގޮތުން ފުރަތަމަ ސެޝަން މޮޑަރޭޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ނަޝީދެވެ. މި ސެޝަންގައި ކަނެކްޓިވިޓީ (ސަރަހައްދީ ގުޅުން) އާއި ބެހޭގޮތުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ ހުށަހެޅުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ދެވަނަ ސެޝަން މޮޑަރޭޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ރިފާޢަތު ރަޝީދެވެ. މި ސެޝަންގައި ޓޫރިޒަމްގެ ނަފާ އިތުރުކުރުމާއި ގުޅޭގޮތުން ގދ. އަތޮޅު ކައުންސިލްގެ ހުށަހެޅުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ ސެޝަން މޮޑަރޭޓް ކުރުމަށް ހަމަޖެހިފައިވަނީ ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރު އަލީ އެވެ. މި ސެޝަންގައި ސަދަން ރީޖަނަލް އެލަޔަންސް އުފެއްދުމާއި ބެހޭގޮތުން އައްޑޫސިޓީ ކައުންސިލްގެ ހުށަހެޅުން ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ސެޝަނެއްގައިވެސް މަހާސިންތާގެ ބައިވެރިންގެ ޚިޔާލުފާޅުކުރުމަށް ވަނީ ފުރުސަތު ލިބިގެންގާނެއެވެ.

މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 9:00 ގައިއެވެ. މި ސެޝަންގައި އަތޮޅުތަކުގެ ހުށަހެޅުންތައް ފާސްކުރުމަށް ވަކވަކިން ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.