އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގެ އެންމެ ފަހު ވަގުތު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ޕެނަލްޓީއާއެކު ޖެނޯއާ އަތުން 2-1 އިން މޮޅުވެ ޔުވެންޓަސް އަލުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބްރެޝިއާ އަތުން ހޯދީ މޮޅާއެކު އިންޓަ މިލާން އެއްވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓް ހަމަކޮށްގެންނެވެ. އެހެންނަމަވެސް، ރޭގެ މެޗުތަކަށްފަހު ޔުވެންޓަސް ވަނީ 26 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ތިންވަނައިގައި އޮތް އެޓަލާންޓާ އަށް 21 ޕޮއިންޓް ލިބިފައިވާއިރު، އޭއެސް ރޯމާ ވަނީ 19 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ.

ރޭގެ މެޗަށް ޔުވެންޓަސް ނިކުތްއިރު ލީގުގައި އެންމެ ފަހުން ލެއްޗޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ފަސް ބަދަލެއް ގެނެސްފައެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ޕޯލެންޑްގެ ގޯލްކީޕަރު ވޮޝިއެކް ޝެޒްނީގެ ބަދަލުގައި ރޭގެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ. 

މި މެޗާއެކު ބުފޮން ވަނީ ލީގުގައި ޔުވެންޓަސް އަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އަލެސަންދްރޯ ޑެލްޕިއޭރޯގެ ރެކޯޑާ އެއްވަރުކޮށްފައެވެ. މި ދެ ކުޅުންތެރިންވެސް ވަނީ 513 މެޗު ހަމަކޮށްފައެވެ.

މީގެއިތުރުން، އެންމެ ފަހުން ކުޅުނު މެޗުގައި އަރާމުދިނުމުގެ ގޮތުން ނުކުޅޭ ރޮނާލްޑޯ ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވާއިރު، އަނިޔާގެ ސަބަބުން ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ރޭގެ މެޗުގައި ނުކުޅެއެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޖެނޯއާ އަށް ލީޑްނަގައިދިނުމަށް އަންދްރެއާ ޕިނަމޮންޓީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ކީޕަރު ބުފޮން މަތަކުރިއިރު، ޕައޮލޯ ޑިބާލާ އާއި ރޮނާލްޑޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖެނޯއާގެ ކީޕަރު އިއޮނަޓް ރަޑޫ އެވެ. 

އެކަމަކު، މެޗުގެ 36 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖެނޯއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސްޓިއަން ކުއާމޭ ޖެހި ގޯލުންނެވެ. މި ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި، ޔުވެންޓަސްގެ ޑިބާލާ އަށް ޖެނޯއާގެ ފްރާންޗެސްކޯ ކަސާޓާ ކުރި ފައުލަކަށްފަހު އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން ޖެނޯއާ އަށް މައްސަލަތައް ކުރިމަތިވެފައިވާއިރު، ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކުރުމުން ބެންޗުގައި އިން އެ ޓީމުގެ ބަދަލު ކީޕަރު ފެޑަރީކޯ މާކެޓީ އަށް ވެސް ވަނީ ރަތް ކާޑު ދައްކާފައެވެ.

މިއާއެކު މެޗުގެ ފަހު 30 މިނެޓު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ޖެނޯއާގެ ޑިފެންސަށް ޔުވެންޓަސް ބާރުބޮޑުކުރަމުން ގޮސްފައިވާއިރު، ރޮނާލްޑޯ އާއި ޑިބާލާ އަށް ވަނީ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. މި ހާފުގައި ޖެނޯއާ އަށް ލަނޑުޖެހުމަށް ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ.

މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޔުވެންޓަސްގެ އެޑްރިއެން ރަބިއޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދައްކާފައިވާއިރު، އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ރޮނާލްޑޯ ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލް ގަބޫލެއްނުކުރިއެވެ. އޭގެފަހުން، އިތުރުވަގުތުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭގައި ރޮނާލްޑޯ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އޭނާ ވަނީ ޔުވެންޓަސް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އުދިނޭޒީ އަތުން ރަށުން ބޭރުގައި 4-0 އިން ރޯމާ މޮޅުވިއިރު، އެޓަލާންޓާއާ ދެކޮޅަށް ކުޅެ ނަޕޯލީ ވަނީ 2-2 އިން އެއްވަރުވެފައެވެ. މީގެއިތުރުން، ޓޮރީނޯ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ލާޒިއޯ ވަނީ މޮޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.