ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެ ޙިއްޞާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ފުދުންތެރިކަން އިތުރުކޮށް ތަރައްޤީއަށް ވާޞިލުވުމަށް ދިވެހިންގެ އަތްމައްޗަށް ގިނަ މަސައްކަތްތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ މީހަކީވެސް ދިރިއުޅުމަށްޓައި މަސައްކަތެއްކޮށްގެން އާމްދަނީއެއް ހޯދާމީހަކަށް ވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރުމުގައާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހިތްހެޔޮކަމާ އޯގަތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަކީ ޞިއްޙީ ޚިދުމަތުގެ މުހިންމު އަސާސެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރަށުފެންވަރުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށް މީގެކުރިން ނުކުރާ މިންވަރަށް މިސަރުކާރުން މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.