އިނގިރޭސިވިލާތާއި ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުންނާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވި މި ބައްދަލުކުރެއްވުންތައް އޮތީ އެ ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް އެރުވުމަށް ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތަށްފަހު، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ. އެދެބޭފުޅުން ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައިވެސް އަދި އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާއާއިއެކު އެބޭފުޅުން ބޭއްވެވި ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ ޝާހިދު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮހޮނަ ވަލަވޭ ނިމާލް ދަރްމަކީރްތި ކަރުނަރަތުނަ އާއިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެއަށްފަހު ދެން މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކެރޮން ރޮސްލާއާއެވެ. އެކަމަނާއަކީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް އެމްބެސެޑަރެވެ. މީގެ ކުރިން އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވަނީ ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރެވެ. މިނިސްޓަރ ވަނީ ރާއްޖޭގައި އަލަށް އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވާކަމަށްޓަކައި އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ދެ ސަފީރުންނާއިއެކު ބޭއްވެވި ބައްދަލުވުމުގައިވެސް ސަފީރުކަމުގެ މަޤާމާއި އެބޭފުޅުން ހަވާލުވެވަޑައިގެންނެވީތީ މިނިސްޓަރ ޝާހިދު މަރުޙަބާ ދެންނެވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު މިއަދު ވަނީ ކިއުބާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުއާނާ އެލީނާ ރާމޯސް ރޮޑްރިގޭޒް އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުން ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.