ވައްކަން ކުރުމުން ސުވާލުކުރަން ފުލުހަށް ގެންދާނެ ކަމަށް ވިދާޅުވެ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އަށް ރައްދު ދެއްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޣައްސާން ދާދިފަހުން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު ޣައްސާން ވަނީ ފުލުހަށް ހާޒިރުކުރީ ސިޔާސީ މަސްރަހުގައި މިހާރު ހިނގާ ކަންކަމުގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލަން ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި ފުލުހަށް ގެންދިޔުމުން އެއީ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން ވެގެން ކުރާ ކަމެއް ކަމަށް ބުނެ ވާހަކަދައްކަމުންދާ ކަމަށާއި ނަމަވެސް ހަގީގަތުގައި ކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.

"ވައްކަން ކުރީމަ ގެންދާނެ ސުވާލު ކުރަން. ވަގުން އެބަޖެހޭ ހިފާފައި ލިބެންޖެހޭ ހައްގު އަދަބު ދޭން. އެ ކަންތައްތައް ކުރާތީވެ ކަންބޮޑުވެގެން މި އުޅެނީ" އަފީފް ވިދާޅުވިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމެއް އަންނާނެކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ އެ ހުކުމާއެކު އޭރުން ދެން ތިބި މީހުންވެސް މިފަދަ ކަންކަމާމެދު ވިސްނާނެ ކަމަށެވެ.

"ތިމަންނާމެން ވެސް މިތިބީ ވައްކަންކޮށްގެންނޭ. ތިމަންނާމެންގެ މައްޗަށް ވެސް މި ހުކުމް އަންނާނެއޭ" އަފީފް ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުތަކުގައި ވައްކަންކުރި ބައެއް ފަރާތްތައް މި ސަރުކާރު އައިފަހުން ވެސް ހަމަ އެ މަގާމުތަކުގައި އެބަތިބި ކަމަށާއި މިއީ މިއަދު ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަދި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން ލަސްވާ ސަބަބާ މެދު ސަރުކާރާ ސުވާލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ޣައްސާން ފުލުސް އޮފީހަށް ހާޒިރު ކުރި އިރު އެ ހިޔާނާތުގައި ރައްޔިތުން މަޖިލީހުގެ މިހާރުގެ 16 މެންބަރުން ހިމެނޭ ކަމަށް ފުލުހުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.