ޤައުމެއްގެ އެންމެ ބޮޑު ރައުސުއްމާލަކީ އެޤައުމެއްގައި ދިރިއުޅޭ ފަރުދުންނެވެ. ހާއްސަކޮށް، މާދަމާ ޤައުމުގެ ހުންގާނުގައި ހިނފައި ސަލާމަތުގެ އައްސޭރިއަކަށް ޤައުމުގެ އޮޑި ގެންގޮސްދޭން ތިބި އަދުގެ ޅަ ޖީލު، ނުވަތަ ކުޑަކުދިންނަކީ އެ ޤައުމުގެ އެންމެ އަގުބޮޑު ހަޒާނާއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދޭ، ޤާނޫނުތަކާއި، ޤަވައިދުތަށް ހެދިފައި ވަނީވެސް މި ސަބަބަށްޓަކައެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި، އެކުދިންނަށް ކަމޭހިތުމަށް އެކިއެކި ފޮތް ފޮތުގައްޔާއި، އާރުލާ ފަރާތްތަކުން އެކިއެކި ފޯޑިއަމެއްގައި ހަރު އަޑުން އެގޮވަނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ތަހުޤީޤީ އިދާރާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީވެސް އެ ކުދިންނަކީ ޤައުމަށް ބޭނުންތެރި ބަޔަކަށް ވުމުންނެވެ.

ކުޑަކުދިންނަކީ، ރަނގަޅު އަހުލާޤެއްގެ މަތީގައި ބޮޑެތި ކުރަން ޖެހޭ ބައެކެވެ. އެކުދިން ބޮޑުވަމުން އަންނައިރު، ހެޔޮކަންކަމާއި، ނުބައި ކަންކަން އެކުދީންނަށް އޮޅުން ފިލުވާދޭން ޖެހޭނެއެވެ. އެއީ ނުކިއްސަރު މަގަކުން އެކުދިން ހިނގައިފާނެ ކަމުގެ ބިރަށްޓަކައެވެ. ނަމަވެސް އަދު ފެންނަމުންދާ މަންޒަރު ތަފާތެވެ. އަދު ފެނިގެން މިދާ މަންޒަރަކީ ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެކުދިން ލައްވާ ތަފާތު ކުށްތަކަށް އަރައިގަންނަ މަންޒަރެވެ. ލޮލުން ކަރުނަ އޮހޮރޭހައިވެއެވެ. އުމުރުން އެންމެ 13 އަހަރުން ނުވަތަ އެއަށް ވުރެވެސް ކުޑަ އުމުރަކުން ފެށިގެން ބައެއް ކުދިން އެއުޅެނީ ކުށުގެ ހާލީގެ ތެރޭގައެވެ. ހާއްސަކޮށް މަސްތުވާތަކެތި ބޭނުން ކުރުމާއި، އޭގެ ވިޔަފާރި ކުރުމުގެ ތެރޭގައެވެ.

ކުޑަކުދިން މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަންނަނީ ކިހިނެތް!

މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވަނުމަށް މެދުވެރިވާ އެތަކެއް ސަބަބެއްވެއެވެ. އޭގެ ތެރެެއިން އެންމެ ބޮޑު އެއް ސަބަބަކީ ރަނގަޅު ތަރުބިއްޔަތެއް އެކުދިންނަށް ނުދެވުމުންނެވެ. ރަނގަޅު ތަރުބިއްޔަތު ނުދެވުމުގެ ސަބަބުން ވަރަށް ފަސޭހައިން އެކުދިން ވާވައްދާލެވޭނެއެވެ. އަދި ވަރަށް ފަސޭހައިން އެކުދިންގެ ވިސްނުމާއި ކުޅެލެވޭނެއެވެ.

އާއިލީ ހަމަނުޖެހުންތަކަކީވެސް މަސްތުވާތަކެތީގެ ތެރެއަށް ކުދިން ވަނުމަށް މެދުވެރިވާ ސަބަބެކެވެ. އެެއީ އެކަމުގެ ސަބަބުން ކުދިންގެ ލަދު ހަޔާތް އާއިލާގެ މީހުންގެ ކުރިމަތީގައި ގެއްލޭތީއެވެ. ނަތީޖާއެއްގެ ގޮތުން މަގުތަކަށް ގިނަވެ، ގޯސް ރަށްޓެހިން މަގަތުގައި ގެންގުޅެވެނީއެވެ. އާހިރުގައި، އެ ކުއްޖާވެގެންދަނީ މަސްތުވާތަކެތީގެ އަޅަކަށެވެ. 

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ "ބޮޑުން"ގެ ހީލަތްތެރި ރޭވުމުގެ ސަބަބުންވެސް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ ކުދިންގެ އަދަދުވެސް މަދެއް ނޫނެވެ. އެމީހުން އެކުދިންނަށް ފައިސާ ދީގެންނާއި، އެނޫންވެސް ގޮތްގޮތުން އެކުދިން މަޝްތުވާތަކެއްޗަށް ޝައުގުވެރި ކުރުވައެވެ. ބައެއް ފަހަރު މަސްތުވާތަކެތީގެ ވިޔަފާރިއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތަނަވަސްވުމަށް އޮތް ވަސީލަތެއްގެ ގޮތުގައި އެކުދިންނަށް ވިސްނައިދެއެވެ. މިގޮތަށް ވިސްނައިދިނުމުގެ ސަބަބުން ކިޔެވުން މަތިން ފޫހިވެ މަސްތުވާތަކެތީގެ ތެރޭއަށް މަޑުމަޑުން ކުދިންގެ ލޯތަށް ހުޅުވިގެންދެއެވެ.

އިސްވެ މި ދެންނެވުނީ މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވަންނަ ބައެއް ސަބަބުތަކެވެ. މީގެ އިތުރުންވެސް އެތައް ސަބަބަކާއި ހެދި މަސްތުވާތަކެތީގެ ތެރެއަށް ކުޑަކުދިން ވަދެ، އޭގެ ވިޔަފާރިކޮށް އުޅެއެވެ.

ހުއްޓުވާނީ ކިހިނެތް!

މަސްތުވާތަކެތީގެ ވިޔަފާރިން ކުޑަކުދިން ސަލާމަތް ކުރެވޭނީ ޤައުމުގެ އެންމެން އެކަތިގަނޑަކަށް ވެގެންނެވެ. މައިންބަފައިން އެމީހުންގެ ދަރީންނާއި މެދު އިތުރަށް ސަމާލުވެގެންނެވެ. ޓީޗަރުން ދޭ ތަރުބިއްޔަތަކީ އެންމެ އެކަށީގެންވާ ތަރުބިއްޔަތަކަށް ހަދައިގެންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި، އެކުދިން ލައްވާ އެކަން ކުރުވާ ފަރާތްތަކަށް ހައްޤު އަދަބު ދެވިގެންނެވެ. ކިރިޔާވެސް ދުލެއް ދީފިނަމަ އެއަށް ވުރެ ބާރަށް މަސްތުވާތަކެތީގެ ކޮޅުން ދަމައިގަންނާނެވެ. އެހެންކަމުން ފިސާރި ކެރިގެން މަސްތުވާތަކެތީގެ ވަބާއިން މި ދިވެހި ބިން ސަލާމަތް ކުރުމަށް ތެދުވަމާ ހިނގާށެވެ!

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.