ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ލިއޮނަލް މެސީ ދެއްކި ތަފާތު މޮޅުކުޅުމާއެކު ރެއާލް ވަލަޑޮލިޑް އަތުން 5-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ، އަލުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސެލޯނާ އަށް އެއްވަނަ މަގާމް ގެއްލުނީ މިދިޔަ ހަފްތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައި އޮތް އެލް ކްލެސިކޯ މެޗު ފަސްކުރުމުން، އެންމެ ފަހުން ގްރަނާޑާ ކުޅުނު މެޗުން އެ ޓީމު މޮޅުވުމުންނެވެ. އެކަމަކު، ރޭގެ މެޗުން ހޯދީ މޮޅާއެކު ބާސެލޯނާ ވަނީ 10 މެޗުން 22 ޕޮއިންޓް ހަމަކޮށް އެއްވަނައިގައި ހަމަޖެހިލާފައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި ގްރަނާޑާ އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވާ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި 1-1 އިން އަލަވޭސްއާ އެއްވަރުވެފައެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ފްރާންސްގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް، މެޗުގެ 15 ވަނަ މިނެޓުގައި ވަލަޑޮލިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކީކޯ އޮލިވާސް އެވެ. މެޗުގެ 29 ވަނަ މިނެޓުގައި މެސީ ތަނަވަސްކުރި ފުރުޞަތަކުން ބާސެލޯނާ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ އާޓުރޯ ވިޑާލް އެވެ. އޭގެ ފަސް މިނެޓުފަހުން، މެސީ ވަނީ ލިބުނު ހިލޭޖެހުމަކުން ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.

ބާސެލޯނާ އިން ޖެހި އަނެއް ދެލަނޑު، ކާމިޔާބުކުރީ މެޗުގެ ފަހު 15 މިނެޓުގެ ތެރޭގައެވެ. އެގޮތުން، އެ ޓީމުގެ ހަތަރުވަނަ ލަނޑު، މެޗުގެ 75 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ދިން ބޯޅައަކުން މެސީ ކާމިޔާބުކުރިއިރު، އޭގެ ދެ މިނެޓުފަހުން މެސީ ދިން ޕާހަކުން ބާސެލޯނާގެ ފަހުލަނޑު، ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ.

ލީގުގައި ރޭ އެތުލެޓިކޯ ކުޅުނު މެޗުގައި އަލަވޭސްއާ 1-1 އިން އެއްވަރުވިއިރު، މި މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެގޮތުން، މެޗުގެ 70 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކުރި ގޯލުން އެތުލެޓިކޯ މޮޅުވާންދަނިކޮށް، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އަލަވޭސް އަށް އެއްވަރުކޮށްދިނީ ލޫކަސް ޕެރޭޒް ވައްދާލި ލަނޑުންނެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ސެވިއްޔާއާ ދެކޮޅަށް ވެލެންސިއާ ކުޅޭ މެޗުގެ އިތުރުން ލެގަނޭސްއާ ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.