އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މޮޑެލް އަށް ދަރިވަރުން ވަރަށް ގަޔާވާ ކަމަށް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވީ އެއްދަންފަޅި ސްކޫލްތައް ހިންގަން ބޭނުންވާ މޮޑެލްއަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ 22 ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށް ތަޖުރިބާ ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

މި ގެނެވުނު ބަދަލަށް ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންނާއި ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައިކަމަށާއި ދަރިވަރުން ސްކޫލަށް ދަނީ ދާހިތުންކަން ފާހަގަ ކުރެވޭ ކަމަށެވެ.

އިހުސާން ވިދާޅުވީ އެއްދަންފަޅިއަށް ބަދަލު ކުރުމުން ކަރިކިއުލަމްގެ ތެރެއިން ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ތަމްރީނާއި ތަރުބިއްޔަތު ކުދިންނަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުދިންނަށް ފޯރކޮށްދޭންޖެހޭ އިތުރު އެހީގެ ކަންކަންވެސް ސްކޫލްގައި ހޭދަކުރާ ވަގުތުގެ ތެރޭގައި ކުދިންނަށް ފޯރުކޮށްދެވޭނެކަމަށާއި، ސްކޫލްގައި ކަނަޑައެޅިފައިވާ ސެޝަންގެ ތެރެއިން ނަމާދު ކުރުމާއި ޤުރުޢާން ކިޔެވޭނެ އިންތިޒާމް ތަކެއް ސްކޫލްގެ މާހައުލުގެ ތެރެއިން ހަމަޖެހިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އިތުރު ހުނަރެއް ދަރިވަރުނަށް ދަސްކޮށްދޭން ޖެހިއްޖެކަމުގައިވާނަމަ އެ ދަސްކޮށްދިނުމުގެ ވަސީލަތްވެސް ޤާއިމު ކުރެވިފައިވާނެ ކަމަށެވެ.

ޚާއްސަކޮށް އިތުރު އެހީތެރިކަން ބޭނުންވާ ކުދިންނަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ވަގުތާއި ތަނާއި ވަޞީލަތްތައްވެސް ސްކޫލްތަކުގައި ޤާއިމުކުރެވިފައި ހުންނާނެ ކަމަށާއިއިތުރު ވަސީލަތް ޤާއިމް ކުރަން ބޭނުންކަމުގައި ވާނަމަ އެވަސީލަތްތައް ޤާއިމު ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ދެ ސެޝަނަށް ސްކޫލްތައް ހިންގާއިރު ކުދިންނަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި އެކަށީގެންވާ ޖާގަވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރު ސްކޫލްތައް އެއްދަންފަޅިއަށް ސްކޫލްތައް ހިންގުމަށްޓަކައި ބޭނުންވާ އެނަލައިސިސް ހެދި އޭގެ މަޢުލޫމާތުތައް އެއްކުރެވި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބެނުންވާ ޕްލޭން ތައްޔާރު ކުރެވި ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

ދެވަނަ ޓާރމް ނިމުމާއި އެކު ތަޖުރިބާތައް ހޯދާ އެކަމުގައި ޙަރަކާތްތެރިވި ފަރާތްތަކާއި އެކު މަޝްވަރާކޮށް ކުރިއަށް އޮތްތަނުގައި ދެން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންތައްތައް ބަލާ ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ސްކޫލްތަކެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.