ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ މައުމޫން ރީފޯމް މޯވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ދިވެހި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާގައި އެޕާޓީން މިއަދު ނެރުނު ތަހުނިޔާ މެސެޖުގައި ބުނެފައިވަނީ ދިވެހި ކޮންމެ ދަރިއަކީވެސް ގައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށެވެ. އަދި ގައުމު ސުލްހަމަސްލަސްކަން ނަގާލުވާލުމަށް، އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށްވެސް އެބަޔާނުގައިވެއެވެ.
މީގެ އިތުރުން ޤައުމަށް ތިމާ ބޭނުންވާ ކޮންމެ ހިނދެއްގައި އެކަމަށް ތައްޔާރަށް ހުރި މީހަކަށް ވުމަށް އެބަޔާނުގައި ވަނީ ގޮވާލައިފައެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ.