ސިޔާސީ ހުޅު ރޯކުރާ ދަރަކަށް ދީން ހެދުމަށް އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދީނީ ޢިލްމުވެރިންގެ އަރިހުން އެދިވަޑައިގެންފިއެވެ.

މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އިސްލާމް ދީނުގައި އޮންނަ ގޮތަކީ، އެކަކު އަނެކަކަށް ރަނގަޅު ގޮތް ވިސްނައިދީގެން އޮޅުންފިލުވައި ދީގެން މައްސަލަތައް ޙައްލުކުރުން ކަމަށާއި، އެކަމަށް ޤާބިލު ޢިލްމުވެރިން ރާއްޖޭގައި އެބަތިބި ކަމަށެވެ.އިސްލާމްދީނަށާާއި ރަސޫލާ އަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހަރުކަށިކަން އިސްކުރުމަކީ އިއްޔެ އަކު މިއަދަކު ފެށުނު ކަމެއް ނޫން ކަމަށާއި މި ކަންކަމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންދާ ސިޔާސީ ފަރާތްތަކުން އޭރު ތިބީ ލޯމަރާލައިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަމަކު އެމަނިކުފާނުގެ ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށާއި އިސްލާމްދީނުގެ ދިފާއުގައި ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އިދިކޮޅުން އަޑު އުފުލަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލައިގައި ދީނީ އިލްމުވެރިންގެ ހިތްހަމަނުޖެހުންތަކެއް ހުރިއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސިލްސިލާކޮށް އަޑުއުފުލަން އެއްވުންތައް ބާއްވަމުންނެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނު ޢަސާސީ ތަންދޭ މިންވަރަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އެންމެހާ ރައްޔިތުންނަށް އެބައޮތް ކަމަށާއި، މި ސަރުކާރުން ދުވަހަކުވެސް އެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމްޑީއެންގެ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނީ، އެމްޑީއެންއަށް ފިޔަވަޅު އެޅުން ލަަސްކަމަށާއި، މި ސަރުކާރުގެ ތެރޭގައި އެމްޑީއެންގެ ނުފޫޒު އެބައޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް، ސަރުކާރުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުން ދަނީ މި މައްސަލަ ތަހުޤީގުކުރުމަށް ފަހު، އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.