އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް 2-1 އިން ހޯދީ މޮޅާއެކު ލިވަޕޫލުން ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.

ރޭގެ މެޗަށް ނިކުތްއިރު ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ވަނީ ތިން ޕޮއިންޓަށް ކުޑަވެފައެވެ. އެހެންނަމަވެސް، ރޭގެ ނަތީޖާ އަށް ފަހު ލިވަޕޫލް ވަނީ 10 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި ސިޓީ އޮތްއިރު، ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ގޯލްގެތަފާތުންނެވެ.

އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ ޓޮޓެންހަމުންނެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އިނގިރޭސި ފޯވާޑް ހެރީ ކޭން އެވެ. އެ ޓީމަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ސޮން ހެއުން- މިން ޖެހި ބޯޅަ އެއް ލިވަޕޫލްގެ ޑޭޔާން ލޮވްރެން ބޮލުން ޖައްސާލުމުން ދަނޑީގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވި ވަގުތު ކޭން ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ގޯލާ އެކު ކޭން ވަނީ ޓޮޓެންހަމަށް 174 ގޯލު ހަމަކޮށް އެ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން މާޓިން ޗިވާސްގެ ރެކޯޑާ ހަމަކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލަށް އެއްވަރުކޮށްދިނުމަށް މިސްރުގެ މުހައްމަދު ސަލާހު އާއި ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ޓޮޓެންހަމްގެ ކީޕަރު ޕައޮލޯ ގަޒާނިގާ މަތަކުރިއިރު، މި ހާފު ނިމުނީ 1-0 އިން ޓޮޓެންހަމް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ޓޮޓެންހަމްގެ ލީޑް ފުޅާކުރުމަށް ސޮން އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 48 ވަނަ މިނެޓުގައި ސޮން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެ ހަތަރު މިނެޓުފަހުން، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ގޯލުން އެ ޓީމު ނަތީޖާ ހަމަހަމަކުރިއެވެ.

ލިވަޕޫލް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސަލާހު އެވެ. މިއީ އެ ޓީމުގެ ސަޑިއޯ މާނޭ އަށް ޓޮޓެންހަމްގެ ފުލްބެކް ސާޖް އޯރިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ޓޮޓެންހަމަށް އެއްވަރުކޮށްދިނުމަށް ޓޮބީ އަލްޑަވިރެލްޑް އާއި ސޮން އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ބޯޅަތައް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ 3-1 އިން ނޯވިޗް ސިޓީ ބަލިކޮށްފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެކުރީން ޔުނައިޓެޑުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ މިލަނޑުތައް ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އާއި މާކަސް ރަޝްފޯޑް އެވެ.

ފުރަތަމަ ހާފުގައި އެ ޓީމުގެ ލީޑް ފުޅާކުރުމަށް ރަޝްފޯޑަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ޕެނަލްޓީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް މަތަކުރިއިރު، ދެވަނަ ހާފުގައި ޔުނައިޓެޑްގެ އެންތަނީ މާޝިއަލް ފޮނުވާލި ޕެނަލްޓީވެސް ކްރުލް މަތަކުރިއެވެ. އެކަމަކު، ރީބައުންޑްގައި އެ ބޯޅަ ފޮނުވާލައިގެން މާޝިއަލް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗުގައި ނޯވިޗް އިން ޖެހި ހަމައެކަނި ލަނޑު، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އޯނެލް ހެނާންޑޭޒް އެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-2 އިން އެއްވަރުވެފައެވެ. މި މެޗުގެ ފުރަތަމަ 10 މިނެޓުގެތެރޭގައި ލިބުނު ދެ ކޯނަރުން އާސެނަލްގެ ޑިފެންޑަރުން ކަމަށްވާ ސޮކްރާޓިސް ޕަޕަސްޓަތޮޕޫލޮސް އާއި ޑޭވިޑް ލުއިޒްގެ ގޯލުން އެ ޓީމު ދެ ލަނޑުގެ ލީޑެއްނެގި ނަމަވެސް، ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޕެލަސްގެ ކެޕްޓަން ލޫކާ މިލިވޯޔެވިޗް ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.

ޕެލަސް އަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ޖޯޑަން އަޔޫ އެވެ. އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް އާސެނަލްގެ ސޮކްރާޓިސް ގޯލެއް ކާމިޔާބުކުރި ނަމަވެސް، ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.