އަށާރަ ވަނަ ނަން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓްގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ގައުމު ތަކުގެ އިސްވެރިންނާއި، ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވައިފިއެެވެ.

މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު އަޒަރްބައިޖާންގެ ބާކޫގައި ކުރިޔަށް ދިޔަ ސަމިޓްގައި ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވީ ރައީސް ސޯލިހުގެ ފަރާތްޕުޅުންނެވެ.

ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ނައިބް ރައީސް ވެންކައި ނައިޑޫ، ޕާކިސްތާނުގެ ރައީސް އާރިފް އަލްފީ، ނޭޕާލުގެ ބޮޑު ވަޒީރު ޝަރްމާ އޮލީ، ގަތަރުގެ ފޮރިން އެފެއާސްގެ ސްޓޭޓް މިނިސްޓަރު ސުލްތާން ބިން ސާދް އަލް މުރައިހީ، މެލޭޝިއާގެ ބޮޑު ވަޒީރު މަހާތިރް މުހައްމަދު، އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ، ތަޖިކިސްތާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހުސްރަވް ނޮޒީރީ، އުރުދުންގެ ފޮރިން މިނިސްޓަރު އައިމަން ސަދަފީ، ކިއުބާގެ ފަރާތުން އެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި އެ ގައުމުގް ފޮރިން މިނިސްޓަރު ބުރޫނޯ ރޮޑްރިގޭޒް އަދި އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޢަނީގެ އިތުރުން ލާއޯސް ބޮޑު ވަޒީރުގެ އޮފީހުގެ އިސްބޭފުޅުން ހިމެނި ވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދެކުނު އޭޝިޔާގެ އަދި އިރުމަތީ އޭޝީޔާގެ އިސްފަރާތްތަކާއި އެކު ޝާހިދު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާފައި ވަނީ އެ ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުމުގެ އިތުރުން ގުޅުން އިތުރަށް ބަަދަހި ކުރުމާއި ބެހޭ ގޮތުން ކަމަށެވެ.

މި ފަހަރުގެ ސަމިޓް އަޒަރް ބައިޖާންގައި ބާއްވާފައިވާއިރު، ހުކުރު ދުވަހު އެ ގައުމަށް ވަނީ ނާމްގެ ރައީސްކަން ލިބިފައެވެ. އެ ގައުމުގެ ހާރިޖީ ވަޒީރު އެލްމަރް މަމަރްޔާދިޔާރޮވްއާ އެކު މިނިސްޓަރު ޝާހިދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެލްމަރް އަށް ތަހުނިޔާ ވިދާޅުވެ ރާއްޖޭގެ ފުރިހަމަ ތާއިދު އޮންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

ޝާހިދުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޯމަ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު އެމަނިކުފާނު ރަސްމީ ދަތުރުފުޅުގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

އެންމެ ފުރަތަމަ ވަޑައިގެންނެވީ ތައިލެންޑްގެ ބެންކޮކަށެވެ. އެ ގައުމުގައި ރަސްމީކޮށް ރާއްޖޭގެ އެމްބަސީ އެއް ހުޅުވައިދެއްވުމަށް ފަހު ފޮރިން މިނިސްޓަރު ވަނީ ރައީސް ސޯލިހުއާ އެކު ޖަޕާނުގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ރާއްޖެއާ ޖަޕާނާ ދެ ގައުމުގެ ދެމެދުގައި ހަތަރު މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.