އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މިހާރުގެ ރައްޔިތުންގެ މެންބަރުންގެ ނަންތައް ހޯދަން މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ ނަންތައް މަޖިލީހާ ހިއްސާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފައިވާ ކަމަށެވެ.

19 ވަނަ ރައްޔިތުން މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއް ކަމަށާއި އަދި މި މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށް މަޖިލީހުގެ ރައީސާއި މެމްބަރުންގެ އިތުރުން މަޖިލީހުގެ އިދާރާއިން ގަދަ އަޅާ މަސައްކަތްކުރަމުންދާ ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

ނަމަވެސް މިފަދަ ދަނޑިވަޅެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭކަން އާއްމުކޮށްފައިވުމުކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވަނީ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

މީގެއިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެކި ބޭނުންތަކަށް އެކި ފަހަރުމަތިން މި ފައިސާ ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ޕްރައިމަރީތަކަށް ވެސް ހަރަދުކޮށްފައިވާ ކަމަށާއި އަދި ޕްރައިމަރީތަކުން ހޮވުނު މީހުންގެ ކެމްޕޭނަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށާއި، ބައެއް މެމްބަރުން ޕާޓީ ބަދަލުކުރުމަށް ވެސް މި ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.