ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހަންޏާމީދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނުފެށި އޮތުމާއި ނަރުދަމާ ނިޒާމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމާ ގުޅޭގޮތުންނާއި ޞިއްޙީ ދާއިރާއާ ތަޢުލީމީ ދާއިރާއިން ޙައްލުކުރަން ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން ބައެއް ކަންކަމުގެ މަޢުލޫމާތު ވެސް ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ފެނުގެ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށާއި އަދި ނަރުދަމާ ނިޒާމާ ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަންވެސް ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލަރުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އެހީއާއެކު އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.