އިޓާލިއަން ސެރިއޭގެ އެންމެ ކުރީގައި އުޅޭ ޔުވެންޓަސް ކުޅުނު މެޗުން މޮޅުނުވުމުގެ ފައިދާ ނަގަން ދެވަނައިގައި އޮތް އިންޓަ މިލާނަށް ލިބުނު ފުރުޞަތު އެޓީމުން ގެއްލުވާލައިފިއެވެ.

ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓުވީ ލެއްޗޭއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން 1-1- އިން ޔުވެންޓަސް އެއްވަރުވިއިރު، އިންޓަ ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ޕާމާއާ އެއްވަރުވެފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުން 23 ޕޮއިންޓް ހަމަކޮށް އަދިވެސް އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އިންޓަ އޮތްއިރު، 17 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލީގުގައި މިރޭ ކުޅޭ މެޗުން މޮޅުވެ އިންޓައާ ދެމެދު އޮތް ފަރަގު ކުޑަކުރުމުގެ ފުރުޞަތު އެބައޮތެވެ. ހަތަރުވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ޔުވެންޓަސް އިން ރޭގެ މެޗަށް ނިކުތްއިރު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ވަނީ ހަތަރު ބަދަލެއް ގެނެސްފައެވެ. އެގޮތުން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޭގެ މެޗަށް ރެސްޓް ދީފައިވާއިރު، އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ޑަނީލޯ އަށް ވަނީ ފުރުޞަތުދީފައެވެ.

ލެއްޗޭގެ ދަނޑުގައި ކުޅުނު މެޗުގައި ޔުވެންޓަސް އަށް ލީޑް ނަގައިދިނުމަށް ޕައޮލޯ ޑިބާލާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޑިބާލާ ފޮނުވާލި ބޯޅަ ލެއްޗޭގެ ގޯލްކީޕަރު ގެބްރިއެލް މަތަކުރިއިރު، އޭގެކުރީން މެޗު 15 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ގޯލް ގަބޫލުނުކުރިއެވެ.

މި މެޗުގެ ފުރަތަމަ ހާފު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެން ނިމުނުއިރު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެތެރޭގައި ޔުވެންޓަސްގެ މިރަލެމް ޕިޔަނިޗަށް ލެއްޗޭގެ ޖަކޯޕޯ ޕެޓްރިޝިއޯނޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޑިބާލާ ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. އެކަމަކު އޭގެ ފަސް މިނެޓުފަހުން، ޔުވެންޓަސްގެ ހޮލެންޑް ޑިފެންޑަރު މަތައިސް ޑި ލިޓްގެ އަތުގައި ބޯޅަ ޖެހުމުން ލެއްޗޭ އަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ކެޕްޓަން މާކޯ މަންކޯސޫ އެވެ.

މިމުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ޕާމާއާ ދެކޮޅަށް އިންޓަ ކުޅުނު މެޗަށް ނިކުތީވެސް ޔުވެންޓަސް ކުޅުނު މެޗުން ލެއްޗޭ އަތުން މޮޅުނުވާކަން އެނގި ތިބެއެވެ. އިންޓަގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެންޓޯނިއޯ ކަންޑްރޭވާ އެ ޓީމަށް ލީޑްނަގައިދީފައިވާއިރު، އޭގެ ތިން މިނެޓުފަހުން ޔާން ކަރަމޯ ވަނީ ޕާމާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން ޖާވީނިއޯ ވަނީ ޕާމާ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. 

އިންޓަ އަށް އެއްވަރުކޮށްދިނީ ފަހު ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މި ގޯލާއެކު ލުކާކޫ ވަނީ އެ ޓީމަށް ކުރީން ކުޅުނު އާޖެންޓީނާ ފޯވާޑް ޑިއޭގޯ މިލީޓޯ އަށް ފަހު އެ ކްލަބުގެ ތާރީޚުގައި 2009 ވަނަ އަހަރުގެ ފަހުން ލީގުގެ ފުރަތަމަ ނުވަ މެޗުގައި 6 ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.