ކޮންމެ ޒުވާނަކީވެސް ލީޑަރެއް އަދި ޤައުމަށް ބަދަލެއް ގެނެސްދެވިދާނެ ކުއްޖެކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ އއ.މަތިވެރީގައި ނިމުނު މިއަހަރުގެ 4 ވަނަ ޒުވާން ލީޑަރުންގެ ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި އއ.އަތޮޅުގެ ޒުވާނުންނާ މުހާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައްޔިތުންނަށް ބަލާއިރު އެޤައުމެއްގެ، އެމުޖުތަމައުއެއްގެ ޒުވާނުންނަށް ދެވިފައިވާ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެއްކަން އެމަނިކުފާން ފާހަގަކުރައްވައި މުޖުތަމައެއްގެ، އިންސާނުން ދިރިއުޅޭ ވަޠަނެއްގެ، އެނަޞްލެއްގެ މައިބަދައަކީ ޒުވާނުންކަމަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޖުތަމައުއެއް ކޮޅަށް ތެދުވާނީ، އެޤައުމެއް ކުރިއަށްދާނީ ޒުވާނުންގެ މައިބަދަ ނުވަތަ ބެކްބޯންގައި ވަރުހުރި ވަރަކުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިސަބަބަށްޓަކައި ހަޤީޤަތުގައިވެސް އިންސާނީ މުޖުތަމައެއްގެ ކުރިމަގު ބައްޓަންކުރާނީ، ކުރިމަގު ދައްކުވައިދޭނީ ކުރިމަގު ބަލާނެ ދުރިމިއަކަށް، ލޯގަނޑަކަށް ވާނީ އަބަދުވެސް އެވަގުތެއްގައި އެމުޖުތަމައުއެއްގައި ތިބޭ ޒުވާނުންގެ ހާލަތުކަމަށެވެ. އެމުޖުތަމައުއެއްގެ ޒުވާނުން ތިބިގޮތް ފެނުމުން އެމުޖުތަމައުއެއްގެ ކުރިމަގު އިނގޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މާދަމާ އަޅުގަނޑުމެން އުފާވެރިވާން ބޭނުންނަމަ، ހިތްހަމަޖެހިގެން އުޅެން ބޭނުންވާނަމަ އަޅުގަނޑުމެން މުޖުތަމައުގައި ތަނަވަސްކަމާ ތިޔާގިކަން އޮންނަން ބޭނުންނަމަ އަޅުގަނޑުމެން އެކަން ފުރަތަމަ ފަށަން ޖެހެނީ އަޅުގަނޑުމެންގެ ޒުވާނުންގެ ކިބައިން" މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމީ ތާރީޚުންނާއި، ރާއްޖޭގެ ތާރީޚުން މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަތި އުނދަގޫ ވަގުތުތަކުގައި ސަލާމަތްކޮށްދެނީވެސް ޒުވާނުންކަމަށެވެ. ރާއްޖޭގެ ތާރީޚުން އެމަނިކުފާން ނެންގެވީ މުޙައްމަދު ތަކުރުފާން ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި ޖިހާދާއި، ނޮވެމްބަރު ތިނެއްގައި ޝަހީދު ހުސެއިން އާދަމް ކުރެއްވި ޖިހާދެވެ.

މަތިވެރީގައި ބޭއްވި ފޯރަމްގައި 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވިއެވެ. ތިން ދުވަހަށް ކުރިއަށްގެންދިޔަ ފޯރަމްގައި ތަފާތު އަށް ދާއިރާތަކުން ފަންނީ އަދި ޓެކްނިކަލް ބޭފުޅުން ސެޝަންތައް ނަންގަވައިދެއްވިއެވެ. ފޯރަމްގައި ބައިވެރިވީ މަތިވެރި، ރަސްދޫ، ތޮއްޑޫ، އުކުޅަސް، ބޮޑުފޮޅުދޫ، މާޅޮސް، ހިމަންދޫ އަދި ފެރިދޫންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.