އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއަން ޕުލިސިޗްގެ ހެޓްރިކާއެކު ބާންލޭ އަތުން 4-2 އިން ޗެލްސީ މޮޅުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި 3-0 އިން އެސްޓަން ވިލާ ބަލިކުރުމަށްފަހު އަލުން ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި 25 ޕޮއިންޓާއެކު އަދިވެސް އޮތީ ލިވަޕޫލެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ސިޓީ ދެވަނައިގައި އޮތްއިރު، ލެސްޓާ ސިޓީ އޮތީ 20 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ގޯލްގެތަފާތުންނެވެ.

ބާންލޭގެ ޓާފް މޫ ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، މެޗުގެ 21 ވަނަ މިނެޓުގައި ޕުލިސިޗްގެ ލަނޑުން އެ ޓީމު ލީޑްނެގިއިރު، މި ހާފުގެ އެންމެ ފަހު މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެތެރޭގައި މޭސަން މައުންޓް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޕުލިސިޗް ހެޓްރިކް ފުރިހަމަކުރިއެވެ. މިއާއެކު ޕުލިސިޗް ވެފައިވަނީ ކުރިން ފުލަމް އާއި ޓޮޓެންހަމް އަށް ކުޅުނު އެމެރިކާގެ ކްލިންޓް ޑެމްޕްސީ އަށް ފަހު ޕްރިމިއާ ލީގުގައި ހެޓްރިކް ހެދި އެމެރިކާ އަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޗެލްސީގެ ފަހު ލަނޑު، 58 ވަނަ މިނެޓުގައި ވިލިއަން ޖެހިއިރު، މެޗުގެ އެންމެ ފަހު ހަތަރު މިނެޓުގެތެރޭގައި ބާންލޭގެ ޖޭ ރޮޑްރިގޭޒް އާއި ޑްވައިޓް މެކްނީލް ވައްދާލި ގޯލްތަކުން ފަރަގުކުޑަކުރިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާ ވަނީ ފުރަތަމަ ހާފުގައި އެ ޓީމުން ގޯލެއް ކާމިޔާބުކުރިޔަނުދީ ހިފަހައްޓާފައެވެ. އެހެންނަމަވެސް، މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްގެތެރޭގައި އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑްނަގައިދީފައެވެ. 

އޭގެފަހުން، މެޗުގެ 65 އާއި 70 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ އާއި އިލްކާއި ގުންޑޮގަން ކާމިޔާބުކުރި ގޯލްތަކާއެކު ސިޓީން ތިން ޕޮއިންޓް ކަށަވަރުކުރިއިރު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ފެނާންޑީނިއޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ސިޓީން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެވަޓަން އަތުން ފަހަތުން އަރައި 3-2 އިން ބްރައިޓަން ހޯވް އެންޑް އެލްބިއަން މޮޅުވިއިރު، ޝެފީލްޑް ޔުނައިޓެޑް ވަނީ 1-1 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުކޮށްފައެވެ. މީގެއިތުރުން، ވަޓްފޯޑްއާ ދެކޮޅަށް ބޯންމައުތު ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެތެރޭގައި، ލިވަޕޫލްއާ ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ މެޗުގެ އިތުރުން ނޯވިޗް ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 21:30 ގައެވެ. ހަމައެގަޑީގައި ކުޅޭ އަނެއް މެޗުގައި އާސެނަލް ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.