މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން އެ ޖަމިއްޔާ އުވާލަން ގޮވާލާ ޝިއާރަކީ ގައުމީ ޝިއާރެއް ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އެމްޑީއެން އުވާލަށް ގޮވާލުމަކީ ގައުމީ ޝިއާރެއް ކަމަށާއި އެ ޝިއާރާކީ ދިވެހިންގެ ޝިއާރެއް ކަމަށެވެ. އެ ޝިއާރަކީ އިސްލާމްދީނަށް ހަމަލާ ދިނުމުން މުޅި ގައުމު ގުގުމާލާފައިވާ ޝިއާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ މިއަދު ދިވެހި ގައުމުގެ ހާލުގެ ދުލުން ގޮވަމުންދާ ގޮވުން ކަމަށް ވެސް ޑރ. މުއިއްޒުގެ ޓްވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ އެމްޑީއެން އުވާލާ އެ ޖަމިއްޔާގެ އިސްވެރިން ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ އެތައް ބަޔަކު ސޯޝަލް މީޑއާގައި އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި އެ ޖަމިއްޔާގެ އެ ރިޕޯޓު ކުށްވެރިކޮށް ގިނަ އަދަދެއްގެ ކައުންސިލްތަކަކުން ވަނީ އެ ޖަމިއްޔާގެ އެ ރިޕޯޓާއި މެދުއާ އެ ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ.

އެކަމާއި ގުޅިގެން ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީން ވަނީ އިދިކޮޅު ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅު ނުކުރުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެ ޕާޓީގެ މެންބަރުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބޭފުޅުންނަށް އިލްތިމާސްކޮށްފައެވެ. އެޕާޓީން އެފަދައިން އިލްތިމާސްކުރީ އިދިކޮޅު ޕީޕީއެމްއިން ވެސް އެ ޝިއާރު އެގޮތުގައި ބޭނުން ކުރަމުން އަންނާތީއެވެ.

އެމްޑީޕީން ބުނެފައިވަނީ އެޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ގައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.