ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާގޮތަށް ނެންނެގި ކަމަށްބުނާ 29 މިލިޔަން ރުފިޔާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު ފުލުހަށް މައްސަލަ ހުށަހެޅީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޖާބިރު އަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއަށް މައުމޫން ހިޔާނާތްތެރިވި ކަމަށްބުނެ އެވެ. ނަމަވެސް މައުމޫން ފުލުހަށް ހާޒިރުނުވާނަމަ އެ މައްސަލަ އަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ޖާބިރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ޖާބިރު މިއަދު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ދަންނަވާފައިވާނެ ކަމަށާއި މައުމޫން އަށް މިހާރު މާފުކޮށްފައިވާ ކަމަށެވެ.

"މައްސަލަ ނަގަން ނިންމީ މަންމަ، މަރިޔަމް މަނިކެ އެގޮތަށް އެދުމުން" ޖާބިރު ވިދާޅުވިއެވެ.

މަންމާފުޅު އެގޮތަށް އެދުނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން ޖާބިރު ވިދާޅުވީ އެއީ މަންމާފުޅާއި މައުމޫންއާ ދެމެދު އޮންނަ ގާތް ކަމެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މައުމޫން އަށް ދައުވާ ކުރައްވަން ވެސް މިހާރު ބޭނުން ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މައުމޫން އަށް މާފުކޮށް ފުލުހަށް ހުށަހަޅާފައިވާ މައްސަލަ ވެސް އަނބުރާ ގެންދަން ނިންމިއިރު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މައުމޫންގެ ފަރާތްޕުޅުން ވަނީ ކެމްޕޭނުގެ ތެރޭގައި ޖާބިރު އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.