އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސައުތެމްޓަންގެ މައްޗަށް ހޯދީ ރެކޯޑް މޮޅާއެކު ލެސްޓާ ސިޓީ ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ލެސްޓާ މޮޅުވީ 9-0 އިންނެވެ.

މިއާއެކު ލެސްޓާ ވަނީ ލީގުގެ ތާރީޚުގައި މިހާތަނަށް ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ޓީމުގެ ޝަރަފު ހޯދާފައެވެ. އަދި ރޭގެ މޮޅާއެކު އެ ޓީމުން ވަނީ 1995 ވަނަ އަހަރު ލީގުގައި އަމިއްލަ ދަނޑުގައި އިސްޕްވިޗް ޓައުން އަތުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ގާއިމްކޮށްފައިވާ އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވި ރެކޯޑާ އެއްވަރުކޮށްފައެވެ. 

މީގެއިތުރުން، ލެސްޓާ އިން މި ރެކޯޑްތައް ހެދުމުގައި އެ ޓީމުގެ ޑެންމާކް ގޯލްކީޕަރު ކެސްޕާ ޝޫމައިކަލްގެ ދައުރު ބޮޑުއިރު، މީގެ 24 އަހަރުކުރީން ޔުނައިޓެޑުން އެ ރެކޯޑް ފުރަތަމަ ފަހަރަށް ގާއިމްކުރިއިރު އެ ޓީމުގެ ގޯލް ބެލެހެއްޓީ ކެސްޕާގެ ބައްޕަ ޕީޓާ ޝުމައިކަލް އެވެ.

ރޭގެ ނަތީޖާއާއެކު ލެސްޓާ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދިހަ މެޗުން 20 ޕޮއިންޓް ހަމަކޮށް ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލަށް ނުވަ މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. އެކަމަކު ލީގުގައި މިއަދު ހަވީރު އެސްޓަން ވިލާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އަލުން ދެވަނަ އަށް އެރޭނެއެވެ.

ސައުތެމްޓަންގެ ސެއިންޓް މޭރީސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން 10 ވަނަ މިނެޓުގައި އިނގިރޭސި ފުލްބެކް ބެން ޗިލްވެލްގެ ގޯލުން ލެސްޓާ ލީޑްނަގާފައިވާއިރު، ސައުތެމްޓަނަށް އިތުރު މައްސަލަތައް ކުރިމަތިވީ އެ ޓީމުގެ ކެޕްޓަން ރަޔާން ބާޓްރަންޑަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ލެސްޓާ އިން ފުރަތަމަ ހާފު ނިންމާލީ 5-0 އިން ކުރީގައިއޮވެގެންނެވެ. 

ފަހު ހާފުގައި އެ ޓީމުން އިތުރު ހަތަރު ލަނޑުޖެހިއިރު، ރޭގެ މެޗުގައި ލެސްޓާގެ ފޯވާޑް ޖެމީ ވާޑީ އާއި އަޔޯޒޭ ޕެރޭޒް ހެޓްރިކް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޔޫރީ ޓީލެމަންސް އާއި ޖޭމްސް މެޑިސަން އެވެ. 

މިއީ 2014 ވަނަ އަހަރު ސިޓީގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ އާއި ލިވަޕޫލްގެ ލުއިސް ސުއަރޭޒް އަށް ފަހު ޕްރިމިއާ ލީގުގައި އެއް ދުވަހުގެ ތެރޭގައި ދެ ހެޓްރިކް ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ލީގުގައި ލެސްޓާ އަށް ދެން އޮތީ އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ރޭގެ ނަތީޖާއަށްފަހު ތާވަލްގެ ފުލުން ތިންވަނައިގައި އޮތް ސައުތެމްޓަނަށް ކުރިއަށް ދެން އޮތީ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.