ފްރައުޑް ނުވަތަ ފޭކް ކޯލްތައް ލިބުން މިވަނީ އާންމުވެފައެވެ. ބޭންކްގެ ކާޑު ސެންޓަރުންނޭ ބުނެ އޮޅުވާލައި އެތައް ބައެއްގެ އަތުން ދަނީ ފޭރެމުންނެވެ. ބޮޑެތި އަދަދުތަކުން ރުފިޔާ ޓްރާންސްފަރ ކުރުމަށް ބުނުމާއި ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަން ބުނުމާއި ކާޑުގެ މަޢުލޫމާތު ހޯދައި ވިޔަފާރިކޮށް ލޫޓުވާލުން މިވަނީ އާންމުވެފައެވެ. މިކަންކަމާގުޅިގެން މީހުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ކަންކަން ކުރެވޭއިރުވެސް މިކަން އަދިވެސް މިވަނީ ހުއްޓުވޭނޭ ގޮތެއް ނެތިފައެވެ.

ފޭކް ކޯލެއް ދެނެގަންނާނީ ކިހިނެއް؟

ކަމެއް ކުރުމުގެ ކުރިން އެ ފޯން ކޯލަކީ ފޭކް ނުވަތަ އަސްލެއްނެތް މަކަރުވެރި ކޯލެއްކަން ދެނެގަތުމަކީ އެންމެ ފުރަތަމަ ކަމެވެ. ވިސްނާންވީ ކަމަކީ ބޭންކުން ތިބާގެ ކާޑުގެ މަޢުލޫމާތު ހޯދަން ނުގުޅާނެކަމެވެ. މީހަކު ގުޅާފައި ކާޑުގެ މަޢުލޫމާތެއް ހޯދަން ނުވަތަ އެކައުންޓުގެ އެއްވެސް މަޢުލޫމާތެއް ހޯދަން އެދިއްޖެނަމަ އެ މަޢުލޫމާތު ހިއްސާ ނުކުރާށެވެ. ވަކިވަރެއް ރީޗާޖުކުރުމުން އިނާމެއް ލިބޭނެކަމަށް ބުނުމުން އެކަން ޖޯކަކަށް ނުވޭ ހެއްޔެވެ؟

ފޭކް ކޯލެއްކަން އެނގުމުން ކަންތައް ކުރާނީ ކިހިނެއް؟

މި ހާލަތުގައި އެކި މީހުން ކަންތައް ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން ކޯލް ރެކޯޑުކޮށް މީސްމީޑިއާގައި އާންމުކުރެއެވެ. ގުޅި މީހާއާ ސުވާލުކޮށް އެމީހާ ރުޅި އަރުވާލާ މީހުންވެސް އުޅެއެވެ. ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދި އަލީ ރަމީޒުއަށް ލިބުނު ފޭކް ކޯލްތައް މީސްމީޑިއާގައި އާންމުކުރިއިރު ކޯލް ތެރެއިން އެމީހާއަށް އަލީ ރަމީޒްވަނީ ތަޢުބާވުމަށް ނަޞޭހަތްދީފައެވެ. ހޭލުންތެރި ކުރުމަށް މިފަދަ ގޮތްގޮތަށް ކަންތައް ކުރިނަމަވެސް އެ ކޯލް ލިބުނު ނަމްބަރުގެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަންވާނެއެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ކުރާ މަސައްކަތަށް އަލިމަގެއް ލިބޭނީ އޭރުންނެވެ.

މިފަދަ ކޯލްތަކުގެ މަޅީގައި ގިނައިން ޖެހެނީ ދުވަސްވީ މީހުންނާއި މީސްމީޑިއާ ފަދަ މަންސަތަކުގައި ނޫޅޭ މީހުންނެވެ. އެހެންކަމުން މިފަދަ މަޅިތަކުން މީހުން ސަލާމަތް ކުރުމަށް މީސްމީޑިއާގައި ޕޯސްޓްތައް ހިއްސާ ކުރުމުގެ އިތުރުން ގޭތެރޭގައާއި ދޭދޭ މީހުންގެ މެދުގައި މިކަމާމެދު ވާހަކަ ދެކެވި މީހުން އަހުލުވެރި ކުރުމަކީ ފަރުދީ ޒިންމާއެކެވެ. އެ ފަރުދީ ޒިންމާ ނަގައިފިނަމަ އިސާހިތަކު ވަގުންގެ ފޮށި ބަންދުވެދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.