ތިބާއަށް މޮޅެއް ނުވަތަ ކުރިއެރުމެއް ނުލިބޭ ހާލުވެސް އެހެން މީހުންނާމެދު ވިސްނާ އެމީހުންނަށް ކަންތައް ކޮށްދޭ މީހުން އަހަރުމެންގެ ތެރެއިން ވަރަށް ގިނައެވެ. އާއިލާތެރޭގައެވެ. އެކުވެރިންގެ ތެރޭގައެވެ. މަސައްކަތުގެ މާހައުލުގައެވެ. ސިޔާސީ މައިދާނުގައެވެ. ދޭދޭ ގައުމުތަކުގެ މެދުގައެވެ. އަނެކާއަށް ކިތަންމެ ރަނގަޅަށް ކަންތައްތައް ކޮށްދިނެއްކަމަކު ބަދަލުގައި އެހީތެރިކަމެއް ނުލިބެއެވެ. ބަދަލުގައި ލިބެނީ ކޮޅު ކެއްސެވެ. އަނިޔާއެވެ. ނުވަތަ ފުރައްސާރައާއި މަލާމާތެވެ. މިއީ ދުނިޔެ ދައްކާ ހަގީގަތެކެވެ. ދެކެން ބޭނުން ނުވިޔަސް ފެންނާން އޮތް ކަމެކެވެ.

މިފަދަ ތަޖުރިބާއެއްގައި އެންމެ ހިތްދަތިވާން ޖެހޭ އެއް ހާލަތަކީ އާއިލާ ތެރެއިން މިފަދަ ކަމެއް ދިމާވުމުންނެވެ. އެއް މަންމައަކާއި ބައްޕައެއްގެ ފުށުން އައެއް ކަމަކު މިކަމުގައި ވަކި އިސްތިސްނާއެއް ނުވެއެވެ. ކިތަންމެ ރަނގަޅަށް ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތައަކާމެދު ކަންތައް ކުރިނަމަވެސް، އެމީހެއްގެ ބޭނުން ޖެހޭ ދުވަހު ކުރިން ވީ ޤުރުބާނީ ހަނދާނުން ބީވެދެއެވެ. ބަދަލުގައި އަޅާލުން ނުލިބޭ ހިނދު ވަނީ ބޭކާރެވެ. ލިބެނީ މަލާމާތެވެ. ކޮށްލަނީ އެކަހެރިއެވެ. މިއަށްވުރެ ހިތްދަތިވާނީ ކޮންކަމަކާތޯއެވެ؟ މި ދަންނަވަނީ އާއިލީ ގުޅުމުން ގުޅިފައިވާ ދެމީހެއްގެ ވާހަކައެވެ. 

ގިނަ ފަހަރު މިފަދަ ގޮތަކަށް ދެކެވެނީ ކަންކަން ކޮށްދޭއިރު ބަދަލުގައި ހެޔޮ ގޮތެއް ވާނޭކަމަށް ދެކި ކަމެއް ކުރުމުން ކަމަށް ވެދާނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މީހަކަށް ކަމެއް ކޮށްދޭއިރު ބަދަލުގައި އެއްޗެއް ނުލިބުނަސް ހެޔޮކަމުގައި ވިސްނައިގެން ކަންކަން ކޮށްދިނުމެވެ. އެހީއަކަށް އެދޭ ދުވަހު ބަދަލުގައި އެހީ ވެދީފިނަމަ ތިބާ އެދުވަހު ވީ އެހީތެރިކަން ބަލައިގަތީއެވެ. އެހީ ނުވެއްޖެނަމަ، ތިބާ ކޮށްދިން ކަންތައް މަތިން ހަނދުމަ ނެތީ ކަމަށް ބަލާށެވެ. އެދުވަހު ކޮށްދިން ކަންތައް ނަގައި އެވާހަކަ ނުދައްކާށެވެ. އެހެން ވެއްޖެނަމަ އެވާނީ 'ކަލަ ގޮވުމަށެވެ'. އެކުވެރިކަމާއެކު ކުރިޔަށް ދާށެވެ. ކޮންމެވެސް ދުވަހަކުން އެކަން އަނެކާއަށް ވިސްނި ތިބާއާ ދެމެދު ކުރެވުނު ގޮތާ މެދު މާފަށް އެދޭނެއެވެ. އެ ދުވަހަކުން ތިބާގެ މުހިންމުކަން އޭނާއަށް ވިސްނޭނެއެވެ.

ކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި އެހެން މީހުން ކަންތައް ކުރާ ގޮތަކުން ތިބާގެ އުޅުމަށް ބަދަލު އައުމަކީ އާންމު ކަމެކެވެ. އަނެކާއާމެދު ދެކޭ ގޮތް ބަދަލު ވުމަކީ އިންސާނީ ތަބީޢަތުގައިވާކަމެކެވެ. ނަމަވެސް ބުއްދިވެރިންގެ ގޮތަކީ ވެދިޔަތަން ހަނދާން ނައްތާލާ ކުރިޔަށް ދިޔުމެވެ. ބަދަލުގައި ކޮޅުކެހި ދިން މީހަކާ ނުވަތަ މީހުނާ ގުޅުން ކަނޑާލުމަކީ ވިސްނޭ މީހަކު ކުރާނޭ ކަމެއް ނޫނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *