އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހިޔާނާތުގެ ފައިސާ މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި މިހާރު ކޯޓުތަކުގައި ތިއްބެވި 8 ފަނޑިޔާރަކާއި ކުރިން މިނިވަން މުއައްސަސާތަކުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އެކި ބޭނުންތަކަށް އެކި ފަހަރުމަތިން މި ފައިސާ ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"މި ފައިސާ ލިބުނުކަން ޔަގީންކޮށްދޭ ކޮމިއުނިކޭޝަންސްތައް ވެސް އެބަހުރި ފެންނަން. މިކަމުގައި އުޅުނު އެކިއެކި މީހުންގެ ބަހުން އިނގޭ، އަދި އެ ކަންކަމާ ގުޅުންހުރި ކަންކަމާ އަޅުގަނޑުމެންގެ މިކަމާ ކޮންމެވެސް ވަރަކަށް ގުޅެވޭ ގޮތަށް ހުރި މުއާމަލާތްތައް ފެންނަން އެބަހުރި" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ޕްރައިމަރީތަކަށް ވެސް ހަރަދުކޮށްފައިވާ ކަމަށާއި އަދި ޕްރައިމަރީތަކުން ހޮވުނު މީހުންގެ ކެމްޕޭނަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވުމަށާއި، ބައެއް މެމްބަރުން ޕާޓީ ބަދަލުކުރުމަށް ވެސް މި ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި 18 ވަނަ މަޖިލީހުގައި ގާނޫނުތަކަށް ބަދަލު ގެނައުމާއި މީހުން މަގާމުތަކަށް އައްޔަން ކުރުމާއި ގާނޫނު އަސާސީ އަށް ބަދަލު ގެނައުން ފަދަ ބޮޑެތި ކަންކަމަށް ވެސް ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ހަމަ އެގޮތަށް ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމަށްޓަކާ ވެސް މި ފައިސާ އިން ހަރަދުތަކެއްކޮށްފައި ހުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވޭ" ރިޔާޒު ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ ބައެއް ކަންކަމަށާއި ސަރުކާރުން ރަސްމީކޮށް ބޭއްވި ބައެއް އިވެންޓުތަކަށާއި މުނިފޫހިފިލުވުމުގެ އައިޓަމްތަކަށް ވެސް ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އަދި މި ފައިސާ ބޭނުންކޮށްގެން ހޯދާފައިވާ މުދަލާއި އިންވެސްޓުމެންޓުތައް ވެސް އެބަހުރި ކަމަށާއި އެ ކަންކަން ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.