ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޗެކް ރިޕަބްލިކްގެ ސްލަވިއާ ޕްރާގް އަތުން 2-1 އިން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ މުބާރާތުގައި ރެކޯޑެއް ގާއިމްކޮށްފިއެވެ.

ރޭގެ މެޗުގައި ޖެހި ގޯލާއެކު ބާސެލޯނާގެ ތަރި މެސީ ވަނީ ވިދިވިދިގެން 15 ސީޒަނުގައި އެ މުބާރާތުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

ސްލަވިއާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑްނަގައިދިނީ އާތުރް ދިން ބޯޅައަކުން މެސީ އެވެ. މި ގޯލާއެކު މެސީ ވެފައިވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ރައުލް ގޮންޒާލޭޒް އަށްފަހު މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި އެންމެ ގިނަ ގޯލްޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. މި ދެ ކުޅުންތެރިންވެސް ވަނީ މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން ލަނޑުޖަހާފައެވެ.

އޭގެފަހުން، މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ސްލަވިއާގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއިރު، ބާސެލޯނާގެ ލީޑް ފުޅާކުރުމަށް ޖެރަޑް ޕީކޭ އާއި ލުއިސް ސުއަރޭޒްގެ އިތުރުން ފްރެންކީ ޑި ޔޮން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ސްލަވިއާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއެކުއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި ހާފު ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ޔަން ބޮރިލް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް، މެޗުގެ 57 ވަނަ މިނެޓުގައި ސްލަވިއާގެ ޕީޓަ އޮލަޔިންކާ އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާ ވަނީ ދެވަނަ ފަހަރަށް ލީޑްނަގައި، މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

މި ގްރޫޕުގައި ހިމެނޭ، ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ 2-0 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ލޮޓާރޯ މާޓިނޭޒް އާއި އެންޓޯނިއޯ ކަންޑްރޭވާ އެވެ. ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެއްވަނައިގައި އުޅޭ ބާސެލޯނާ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓަ އާއި ޑޯޓްމަންޑަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ހެޑްޓުހެޑް ރެކޯޑުން ކުރިލިބެނީ އިންޓަ އަށެވެ. އެންމެ ފުލުގައި އޮތް ސްލަވިއާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ގްރޫޕް އީ ގައި ހިމެނޭ ގެންކް އަތުން 4-1 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވިއިރު، ނަޕޯލީ ވަނީ ސަލްޒްބާގް އަތުން 3-2 އިން ބަލިކޮށްފައެވެ. ރޭގެ މެޗުގައި ލިވަޕޫލުން ޖެހި ހަތަރުލަނޑުގެ ތެރެއިން، ދެ ގޯލް ކާމިޔާބުކޮށްދިނީ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އެވެ. އަނެއް ދެލަނޑުޖަހައިދިނީ ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހު އެވެ.

މި ގްރޫޕުގެ އެއްވަނައިގައި އުޅޭ ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި ސަލްޒްބާގްގެ ދެ ލަނޑުވެސް ޖެހީ ޒުވާން ފޯވާޑް އާލިން ހާލަންޑް އެވެ. ނަޕޯލީގެ ތިން ގޯލްގެ ތެރެއިން ދެލަނޑު، ޑްރީސް މާޓެންސް ކާމިޔާބުކުރިއިރު އަނެއް ލަނޑުޖަހައިދިނީ ލޮރެންޒޯ އިންސީނިއޭ އެވެ. ރޭގެ ނަތީޖާތަކަށްފަހު، ނަޕޯލީ އަށް މިހާތަނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ތިން ޕޮއިންޓާއެކު ސަލްޒްބާގް ތިންވަނައިގައި އޮތްއިރު، ގެންކް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.