ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ގާނޫނު އަސާސީގެ ދުޝްމަނެއް ކަމަށާއި، އާއިޝަތު ބިޝާމް ވިހާވެސް އަވަހަށް މަގާމުން ދުރުކުރަންޖެހޭ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ބިޝާމް ޕީޖީގެ މަގާމުގައި ހުންނަވައި ވަރަށް ގިނަކަންކަން ބޭއިންސާފުކޮށްފައިވާ ކަމަށާއި، މިހާތަނަށް މަސައްކަތް ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ބިޝާމް މަގާމުންދުރުކުރަންޖެހޭ ކަމަށާއި، އިންސާފު ގާއިމް ކުރުމަށް އެއީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ މަގާމުތަކުގެ ނޫފުޒު ބޭނުންކޮށްގެން ގައުމުގައި ނާއިންސާފުން ކަންކަން ކުރާ ބޭބޭފުޅުން ދުރުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މަލީހު ވިދާޅުވީ ހިޔާނާތާއި ގުޅުމެއް ނެތް ބޭބޭފުޅުންގެ ނަންތައް މިހާރު ގެންނެވުމުން ކަންބޮޑުވާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ މިހިޔާނާތުގެ ތަހުގީގު އޮޅުވާލުމަށް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މަލީހު ވިދާޅުވީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް ޒިންމާތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގާނޫނު ހިނގާ ހިސާބެއްގެ އެއްވެސް ކަމެއް ގޯސްކޮށް ހިނގާ ކަމަށް ވާނަމަ ޕީޖީގެ ހައިސިއްޔަތުން އެމައްސަލަ ބެލުމުގެ ބާރު ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ ކަމަށާއި، ފުލުހުން ކުރާ ކަމަކަށް ވެސް އެކަމަނާއަށް ބަސް ވިދާޅުވެވޭނެ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނަތް ކުރިއަށް ދިޔައިރު ބިޝާމް އޭރުވެސް ހުންނެވީ މާގަމުގައި ކަމަށާއި، މަސްއޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށެވެ. އަދި މަގާމުގައި ހުންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގިނަ ފަރާތްތަކަށް ނުހައްގުން ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. މިކަންކަމަށް ރައްޔިތުން ހެކިވާނެ ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުން ފުހެވޭނެ ކަންކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭ ކަމަށް ޕީޖީ ބިޝާމު ވިދާޅުވި ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރު މަލީހު ވިދާޅުވީ އެމައްސަލަ ކޯޓަށް ނުފޮނުވާ އޮތް ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ދައުލަތުގެ އެފަދަ މުހިންމު ބޭފުޅަކު އަގައިން ވިދާޅުވާން ޖެހޭ ބަސްފުޅުތަކަކީ ވަރަށް ބޮޑަށް ވިސްނެވުމަށްފަހު ވަރަށް ބޮޑެތި ގާނޫނީ އޭގެ ހުއްޖަތްތަކާއެކު އެވިޑެންސް ބޭސްކޮށް ދައްކަވަންޖެހޭ ވާހަކަތައް ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ ބައިވެރިވެފައިވާ ފަރާތްތަކުގެ ލިސްޓުގައި މިނިސްޓަރު މަލީހު ހިމެނިވަޑައިގެންނެވިއިރު، ބޮޑެތި ކަންކަން ހިނގައިގެން ދިޔައިރުގައި ހުންނެވީ ސަރުކާރާ ދެކޮޅަށް ހައްގުބަސް ބުނުމުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.