ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ރޭ ބުނެފައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގެ އިތުުރުން ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރާ މީހެކެވެ. އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ. ހަރުކަށި ފިކުރު ފެތުރުމާ، ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިއުމާ، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަކީ ގާނޫނީ ކުށެކެވެ. އެ ކުށްތަކަށް ގާނޫނުގައި ވަނީ ބޮޑެތި އަދަބުތައް ކަނޑައަޅާފަ އެވެ. ދާދި ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި ވެސް މިފަދަ ކުށްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައި ވެއެވެ. ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ދިވެހިންގެ ބަޔަކު ބައިވެރިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހަނގުރާމައިގައި މަރުވެފައިވާއިރު، އެތައް ދިވެހިންނެއް ސީރިއާގައި ވަނީ ހާލުގައި ޖެހިފަ އެވެ. ސީރިއާގައި ތިބި ދިވެހިންގެ އަދަދު ޔަގީންކޮށް ބުނަން ނޭންގުނު ނަމަވެސް ސަރުކާރުން ވަނީ ކަންބޮޑުވާންޖެހޭ މިންވަރަށް ސީރިއާގެ ހަނގުރާމާގައި ބައިވެރިވާން ދިވެހިން ގޮސްފައިވާކަމަށް ބުނެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.