ސަފާރީ އިންޑަސްޓްރީގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަފާރީތައް ރަހުނުކޮށްގެން ލޯނު ލިބޭނެ ގޮތް ބޭންކުތަކުން ހަދަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި މިއަދު ފެށި މޯލްޑިވްސް މެރިން އެކްސްޕޯ ހުޅުއްވައިދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަފާރީ އިންޑަސްޓްރީގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފައިނޭންސް ހޯދުމުގައި ހުރި ދަތިކަން ކަމަށެވެ. އެގޮތުން، ސަފާރީތައް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ނުހިމެނުމުން އެސްއެމްއީ ބޭންކު މެދުވެރިކޮށް ފައިނޭންސް ހަމަނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެސްއެމްއީ ލޯނު ސަފާރީތަކަށް ނުދެވުނު ނަމަވެސް ބޭންކުތަކުން އެފަދަ ލޯނު ލިބޭނެ ގޮތް ހަދައިދޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ގިނަ ސަފާރީ ބޯޓު ފަހަރު އެސްއެމްއީ ކެޓަގަރީއަށް ނުވަންނާތީ އަޅުގަނޑުމެން އުފައްދާފައިވާ އެސްއެމްއީ ބޭންކުން މާބޮޑު ފައިނޭންސްއެއް ނުދެވޭނެ. އަޅުގަނޑުމެން އުއްމީދުކުރަނީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކުން ސަފާރީތަކަކީ ވެސް ރަހުނުކުރެވޭ އަގުހުރި އެސެޓެއް ގޮތުގައި ދެކި ލޯނުތައް ދޫކުރާނެ ކަމަށް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުން ހުރީ ހުރިހާ ވިޔަފާރިއެއް ކުރިއެރުވުމަށް ކަމަށާއި އެކަމަށްޓަކައި ޕޮލިސީތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ވިޔަފާރިތައް ކުރިއަރުވައިގެން ލިބޭ ޓެކުހުން ރާއްޖެ ތަރައްގީ ކުރަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދުގެ ބޮޑުބައެއް ހިއްސާ ކުރަނީ ވިޔަފާރިވެރިން ދައްކާ ޓެކްސް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް ކުރިއަރުވައިގެން އެ ލިބޭ ޓެކުހުން ތަރައްގީއަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުން،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ ސަފާރީ އިންޑަސްޓްރީގައި މިހާރު ވެސް 300 އަށްވުރެ ގިނަ އުޅަނދު އޮންނަ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވއިފަ އެވެ. އަދި އެ އުޅަނދުތަކުގައި 8،000 ވަރަކަށް ދިވެހި މުވައްޒަފުން އުޅޭ ކަމަށް ވެސް މިނިސްތަރު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.