ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް އެމަނިކުފާނު މިނިވަން ކުރުމަށް ކުރި މަސައްކަތްތަކުގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތު ނޮޅިވަރަމް ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ޝާމިލުވާ ފަރާތްތަކުގެ މައުލޫމާތު ހާމަ ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ނަޝީދު ވިދާޅުވީ ފުރަތަމަ ކަމަކަށް މަޖިލީހަށް ހުށަހެޅިފައި މިވަނީ ކުއްލި މައްސަލައެއްވެސް ނޫން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ކޮމިޝަނެއް އެކުލަވާލާ މަރާލާާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފައްދާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލަ މަޖިލީހަށް ވައްދައިގެން އުޅެނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަޑީގައި ހުންނަވައިގެން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގެ އަޑު ކަނޑުވާލަން ކަމަށެވެ.

"ދެން އެމްއެމްޕީއާރްސީގެ ފައިސާ ކިހިނެއްތޯ ބެހޭ. ބެހިގޮތް ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެބަ އިނގޭ. އެމްއެމްޕީއާރްސީގެ ފައިސާއިން އެންމެ ބޮޑަށް ފައިދާވީ ކޮން ބަޔަކަށްތޯ. އޭރުގެ އިދިކޮޅުގައި ތިބި މިއަދުގެ ސަރުކާރުގައި ތިބި މީހުންނަށް އެންމެ ބޮޑަށް ފައިދާވީ،" ނަޝީދު ވިދާޅުވިއެވެ.

އޭނާ ވަނީ ނިމިދިޔަ 17ވަނަ ރައްޔިތުން މަޖިލީހުގައި ކޮށްފައިވާ މަސައްކަތްތަކަށް އޭރުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ގާނޫނު އަސާސީއަށް ގެނައި އިސްލާހު ކަމަށްވާ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިސްލާހު ފާސް ކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ އުމުރު މަތި ކުރަން ހުށަހެޅި އިސްލާހަށް އެތައް މިލިއަނުން ފައިސާ ނެގި ކަމަށް ތުހުމަތު ކުރައްވާފައެވެ.

"މިއަދު ރައްޔިތުން މަޖިލީހުގެ ރައީސަކަށް އިންނެވި ބޭފުޅާ ޖަލުން ނެރެން ވެގެން އެމްއެމްޕީއާރްސީގެ ފައިސާ ހަރަދުކުރީ ކިހާ ވަރަކަށްތޯ. މިކަންތައްތައްވެސް ހިނގާ ބަލައިލަން. އޭރުގެ ޕީޖީ ބިޝާމް ބޭރު ކުރަންވެގެން ކީއްވެގެންތޯ ނުކެރިގެން މަޖިލިސް ރައީސަށް މިއުޅެނީ، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭރު ކުރަންވެގެން ހުށަހެޅީ އޭނަގެ ނަން. ހުށަހެޅީމަ މަޖިލީހުގެ ރައީސް އަޑީގައި ހުރެގެން އޭނަ އެތާ އެބަހައްޓަނީ ކޮން ކަމެއްގަތޯ،" ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާގެ ހިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ނަން ހާމަކުރުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.