އައްޑޫ ސިޓީގެ ކަރަންޓު މަޝްރޫއު ޗައިނާގެ ކުންފުންޏަކަށް ދީފިއެވެ.

37.5 މިލިއަން ޑޮލަރަށް މި މަޝްރޫއު ދީފައިވަނީ ޗައިނާގެ ޑޯން ފަންފޭންގް އިލެކްޓްރިކް އިންޓަނޭޝަލް އަށެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ހެނދުނު ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ގެ އިތުރުން އައްޑޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގައި 20 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ޗައިނާގެ ކުންފުންޏަކަށް ދީފައިވާއިރު، ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތަށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ހިއްކަން 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ޑެންމާކުގެ ބޮސްކާލިސް ވެސްޓްމިންްޓާ ކޮންޓްރެކްޓިން ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މަސައްކަތް އެ ކުންފުންޏަށް ދިނުމަށް ކަނޑައެޅީ އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލައި ޓެކްނިކަލް ގޮތުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.