ކޯލިޝަނަކާއެކު ސަރުކާރު ހިންގި ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިންގެ ނަންތައް ހާމަކުރަންޖެހޭނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ބޮޑެތި ޖިނާއީ ކުށްތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރަން ގޮވާލާ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހިސާބުން ނުނިމޭ ކަމަށާއި އެގޮތުން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރުން ވެސް ހިމެނޭ ކަމަށް ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.

އަދި އެ ވާހަކަތަކަކީ ޕީޖީ ވިދާޅުނުވާ އަދި ނުހިނގާ ކަމެއްގެ ގޮތުގައި ބަލައިގެން ދެން ނުތިބެވޭނެ ކަމަށާއި އެ ނަންތައް ހާމަވާންޖެހޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"ކޯލިޝަން ސަރުކާރުގައި ތިބީއޭ ކިޔައިގެނެއް، މިއަދު އަޅުގަނޑުމެން ވެރިކަމުގައި ތިބީއޭ ކިޔައިގެނެއް، މީ ދެން ނުހިނގާ ކަމަކަށް ހަދައިގެނެއް ދެން ނުތިބެވޭނެ. މިއަދުގެ ސަރުކާރުގެ ތެރޭގައި އެ ހިޔާނާތުގައި ޖެހިފައި ތިބި މީހުންތަކާއި ނުވަތަ ގޮތް ނޭނގޭ މަރުތަކުގައި އަތެއް ދިއްކޮށްފައި ހުރި މީހަކު ވެސް މިއަދުގެ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ތިބީއްޔާ އެކަންކަން ހާމަކޮށް އިންސާފަށް ގެނައުމަކީ އަޅުގަނޑުމެންގެ ކަމެއް" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިއަދު މި ކަންކަން ނުކޮށްފިނަމަ މިފަދަ ކަންކަމަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަމް އަދި ދެން އަންނަ ސަރުކާރަކުން ވެސް މިފަދަ ހިޔާނާތްތައް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަމެއް ރައްޔިތުންނަށް ނޯންނާނެ ކަމަށެވެ.

އަދި އެމްޑީޕީން ވައުދުވީ އިންސާފު ހޯދައިދިނުމަށް ކަމަށާއި އެގޮތުން އެ ކަން ކުރުމަށް ކުރީ ސަރުކާރެއް ނުވަތަ އެހެން ސަރުކާރަކަށް ބަލައިގެން ނުވާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.