ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އިނގިރޭސި ކްލަބުތައް ކަމަށްވާ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ހޮޓްސްޕާ ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަތުން 5-0 އިން ޓޮޓެންހަމް މޮޅުވިއިރު، ސިޓީގެ ދަނޑުގައި އެ ޓީމު ވަނީ 5-1 ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކޮށްފައެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާ ހިލާފަށް ކުރީން ލީޑްނެގީ އިޓަލީގެ އެޓަލާންޓާ އިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް މިލަނޑުޖަހައިދިނީ ރުސްލަން މަލިނޯވްސްކީ އެވެ. މިއީ އެ ޓީމުގެ ޖޮސިޕް އިލިޗިޗް އަށް ސިޓީގެ ފެނާންޑީނިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. 

އޭގެ ހަ މިނެޓުފަހުން، އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ ވަނީ ސިޓީ އަށް އެއްވަރުކޮށްދީފައެވެ. ސިޓީ އިން ފުރަތަމަ ފަހަރަށް ލީޑްނެގީ، މެޗުގެ 38 ވަނަ މިނެޓުގައި ސްޓާލިން އަށް އެޓަލާންޓާގެ ޑިފެންޑަރު އަންދްރެއާ މަސިއެއްލޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އަގުއޭރޯ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މެޗުގެ 58 ވަނަ މިނެޓުގައި ސްޓާލިން ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. އޭގެފަހުން، މެޗުގެ 64 އާއި 69 ވަނަ މިނެޓުގައި ކާމިޔާބުކުރި ދެ ގޯލާއެކު ސްޓާލިން ވަނީ 11 މިނެޓުގެ ތެރޭގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް، ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން އެ ޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ގްރޫޕު ސީ ގައި ހިމެނޭ އަނެއް ދެޓީމުގެ ކުރިމަތިލުމުގައި، ޝަހުތަރު ޑޮނެސްކްގެ ދަނޑުގައި ޑީނަމޯ ޒަގްރެބްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުތަކަށްފަހު، މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ސިޓީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޝަހުތަރު އަދި ޑީނަމޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް އެޓަލާންޓާ އަށް ޕޮއިންޓެއް ނުލިބެއެވެ.

އެންމެ ފަހުގެ މުބާރާތުގެ ފައިނަލްގައި ބަލިވި ޓޮޓެންހަމަށް މިހާތަނަށް އައިއިރު އެ ޓީމުގެ އަސްލު ފެންވަރުގައި ކުޅެވޭގޮތްވެފައިނުވާއިރު، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަށް ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. އެކަމަކު ރޭގެ މެޗުގައި އެ ޓީމުން ވަނީ ރެޑް ސްޓާ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފައެވެ. ރޭގެ މެޗުގައި އެ ޓީމުން ޖެހި ފަސް ގޯލްގެ ތެރެއިން، ހެރީ ކޭން އާއި ސޮން ހެއުން-މިން ކުރެން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު، އަނެއް ގޯލު ޖެހީ އެރިކް ލަމޭލާ އެވެ.

މި ގްރޫޕްގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކް ރޭ ވަނީ ރަށުން ބޭރުގައި އޮލިމްޕިއާކޯސް އަތުން 3-2 އިން މޮޅުވެ، އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައެވެ. ރޭގެ މެޗުގައި ބަޔާން އަށް ޖަހައިދިން ދެ ގޯލާއެކު ޕޯލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ފަސްވަނައަށް ޖެހިލާފައެވެ. އޭނާ ވަނީ މިހާތަނަށް 58 ލަނޑުޖަހާފައެވެ. މިލިސްޓްގެ އެންމެ ކުރީގައި އުޅޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 127 ގޯލް ކާމިޔާބުކޮށްފައިވާއިރު، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ 112 ލަނޑުޖަހާފައެވެ. ދެން މިލިސްޓުގެ ގަދަ ފަހެއްގައި ހިމެނެނީ، ރައުލް ގޮންޒާލޭޒް (71) އާއި ކަރީމް ބެންޒެމާ (60) އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.