ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ޖަރުމަނުގެ މިޑްފީލްޑަރު ޓޮނީ ކްރޫސް ވައްދާލި ގޯލާއެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެއިނުގެ ރެއާލް މެޑްރިޑުން ރަށުން ބޭރުގައި 1-0 އިން ތުރުކީގެ ގަލަތަސާރޭ ބަލިކޮށް މި ސީޒަނުގައި ޔޫރަޕްގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި ފަހަރުގެ ސީޒަނުގައި ޔޫރަޕްގައި ރެއާލުން ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަތުން 3-0 ގެ ތަފާތަކުން ބަލިވިއިރު، އެންމެ ފަހުން އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިނުވެ ސަލާމަތްވީ ހަމަ ކިރިޔާއެވެ. އެ މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު ރެއާލް ވަނީ ގްރޫޕް އޭގެ ޕޮއިންޓް ތާވަލްގެ ދެވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މި ގްރޫޕުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ޕީއެސްޖީއެވެ. ތިންވަނައިގައި އޮތް ބްރޫޖް އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އުޅޭ ގަލަތަސާރޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ކްރޮއޭޝިއާގެ އިތުބާރު މިޑްފީލްޑަރު ލުކާ މޮޑްރިޗް އަދި ވޭލްސްގެ ވިންގާ ގަރެތު ބޭލް އަށް ނުކުޅެވުމެވެ. ގަލަތަސާރޭ އިން ރޭގެ މެޗަށް ނިކުތީ އަނިޔާގެ ސަބަބުން ކޮލަމްބިއާގެ ފޯވާޑް ރަޑަމެލް ފަލްކާއޯ ނުލައެވެ.

ގަލަތަސާރޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު، 18 ވަނަ މިނެޓުގައި ރެއާލަށް ޖަހައިދިނީ އަނިޔާއަށް ފަހު ރޭގެ މެޗުގައި ކުޅުނު އިތުބާރު މިޑްފީލްޑަރު ކްރޫސް އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މީގެއިތުރުން، ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި ކްރޫސް ކުޅުނު 100 ވަނަ މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގަލަތަސާރޭގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ހުޝިޔާރުކަމާއެކު ދިފާއުކުރިއިރު، އެ ޓީމަށް ދެވަނަ ހާފުގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރެވިފައެއްނުވެއެވެ. ރެއާލްގެ ލީޑް ފުޅާކުރުމަށް ކަރީމް ބެންޒެމާ އާއި ފެޑެރީކޯ ވަލްވާޑޭގެ އިތުރުން މާސެލޯ އާއި ވިނީޝަސް ޖޫނިއާ އަދި ޑެނީ ކަރްވަހާލް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ދެވަނަ ހާފުގައި އެ ޓީމުގެ ހަޒާޑް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރޭގެ މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ވަރަށް ރަނގަޅަށް ޑިފެންސްކޮށް، ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅެފައިވާ ކަމަށެވެ. އަދި ރޭގެ މެޗުގައި ފެނިގެންދިޔައީ ދެކެން ބޭނުންވާ ކަހަލަ މޮޅު ކުޅުމެއް ކަމަށެވެ.

މި ގްރޫޕުގައި ސައްތައިގެ ރެކޯޑަކާއެކު އެންމެ ކުރީގައި އުޅޭ ޕީއެސްޖީ ވަނީ ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި 5-0 ގެ ބޮޑު ތަފާތަކުން ބްރޫޖް ބަލިކޮށް، ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރުމާ ގާތަށް ޖެހިލާފައެވެ. އެގޮތުން، ބްރޫޖްއާ ދެކޮޅަށް ޕީއެސްޖީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުން މޮޅުވެ، ރެއާލަށް ކުރިއަށް އޮތް މެޗުން ގަލަތަސާރޭ އަތުން މޮޅުނުވެވިއްޖެނަމަ، ބާކީ ދެ މެޗު އޮއްވާ ޕީއެސްޖީ އަށް ދެވަނަ ބުރުން ޖާގަ ލިބޭނެއެވެ. 

ރޭގެ މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފަސް ގޯލްގެ ތެރެއިން، ފުރަތަމަ ހާފުގައި އެ ޓީމަށް ޖެހުނީ އެންމެ ގޯލެކެވެ. އެ ޓީމުގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހެޓްރިކް ހެދިއިރު، މައުރޯ އިކާޑީ ދެލަނޑުޖެހިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޕައޮލޯ ޑިބާލާ ކާމިޔާބުކުރި ދެލަނޑާއެކު ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި 2-1 އިން ރަޝިޔާގެ ލޮކޮމޯޓިވް މޮސްކޯ ބަލިކުރިއިރު، ޖަރުމަނުގެ ބަޔާ ލެވަކޫސަން އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވީ 1-0 އިންނެވެ. އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ. 

ރޭގެ މެޗުތަކަށްފަހު ގްރޫޕް ޑީގެ އެންމެ ކުރީގައި އުޅޭ އެތުލެޓިކޯ އަދި ޔުވެންޓަސް އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ލޮކޮމޯޓިވް މޮސްކޯ ތިންވަނައިގައި އޮތްއިރު، އެންމެ ފުލުގައި އޮތް ލެވަކޫސަން އަށް ޕޮއިންޓެއް ނުލިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.