ރާއްޖެއަކީ ހުނަރުވެރިން ގިނަ ޤައުމެކެވެ. އެކި ފަންނުގެ ފަންނުވެރިން މި ޤައުމުގައި އުޅޭއިރު، މިހާރު ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ މިއުޒިކްގެ ދާއިރާއެވެ. މިއުޒިކްގެ ދާއިރާއަކީ، ގިނަ ޒުވާނުން އެދާއިރާއަކަށް ގަޔާވާ، އަދި ރަނގަޅު އާމްދަނީއެއް ހޯދިދާނެ ދާއިރާއެކެވެ. ނަމަވެސް އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގައި މި ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ފުރުސަތުތައް މަދެވެ. 

މިއުޒިކް ހެދުމާއި ކުޅުމަކީ، އެކަމަށް ގިނަ ވަގުތު ހޭދަވާ ކަމެކެވެ. އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތަކަށް ނޫނީ އެކަމުގެ ހުރި ބުރަކަން ފަހަރުގައި ތަސައްވަރު ނުކޮށްލެވިދާނެއެވެ. މިއުޒިކްގެ ދާއިރާގައި ރާއްޖޭގައިވެސް ގެއްލިފައި ތިބި އެތައް ތަރިންނެއް އެބަ ތިއްބެވެ. އެގޮތުން ކޮޅުމަޑުލު ހިރިލަންދުއަށް އުފަން، އުމުރުން 20 އަހަރުގެ އަބްދުﷲ އިޝާމްއަކީ އެފަދަ ފަންނުވެރިކެވެ.

މިއުޒިކް ހަދަން ފެށުނީ ކިިހިނެތް؟

އިޝާމް އަކީ އެންމެ ކުޑައިރުއްސުރެ މިއުޒިކަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ޒުވާނެކެވެ. އިޝާމް ބުނި ގޮތުގައި މިއުޒިކްގެ ތެރެއަަށް ފުރަތަމަ ލޯ ހުޅުވުނީ، މީގެ ހައެއްކަ އަހަރު ކުރިންނެވެ.

އަސްލު ވަރަށް މަޖާކޮށް ފެށުން ކަމެއް މީ. މީގެ ހައެއްގެ އަހަރު ކުރިން ފުރަތަމަ މިއުޒިކް ހަދަން ފެށީ.

އިޝާމް މިއުޒިކް ހަދަން ފެށީ "ފުރުޓީ ލޫޕްސް ސްޓޫޑިއޯ" ބޭނުންކޮށްގެނެވެ. އިޝާމް ބުނި ގޮތުގައި އެ ސޮފްޓެވެއަރ އާއި ފުރަތަމަ ކުޅެން ދަސްކުރީ، ޔޫޓިއުބްއާއި މީސްމީޑިޔާގެ އެކި މަންސަތަކުން މިއުޒިކާއި ބެހޭ އެކި ވީޑިއޯ ބަލައިގެންނެވެ.

ހީކުރިވަރަށް ވުރެ އުނދަގޫ ކަމެއް އަސްލު މިއީ. މިއުޒިކް އަޑު އަހާލަން ފަސޭހައަކަސް އަސްލު ވަރަށް މަސައްކަތް މިއީ. އެކި އެކި ވީޑިއޯތައް ބަލައިގެން ވަރަށް ހާލުން މިއުޒިކް ހަދަން ދަސްވީ 

އެންމެ ހަދާ ހިތްވާ މިއުޒިކް!

އިޝާމް ބުނި ގޮތުގައި އޭނާ އެންމެ ހަދާ ހިތްވަނީ "ފިއުޗަރ ބައުންސް ޖާންރާ" އެވެ. ފިއުޗަރ ބައުންސް އަކީ ޑީޖޭ ސްޓައިލްގެ މިއުޒިކެވެ. ނަމަވެސް ހުރިހާ ވައްތަރެއްގެ މިއުޒިކެއްވެސް ހެދޭނެ ކަމަށް އޭނާ ބުނެއެވެ.

އެންމެ ހަދާހިތްވަނީ "ފިއުޗަރ ބައުންސް ޖާންރާ"ގެ މިއުޒިކް ތައް. އެއީ މިކަހަލަ މިއުޒިކަކީ ރާއްޖެއިން ވަރަށް ނުފެންނަ ވައްތަރުގެ މިއުޒިކަށް ވާތީ

ހުރި ގޮންޖެހުންތައް؟

މިޔުޒިކްގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަމިއްލަ ސްޓޫޑިއޯއެއް ނެތުމާއި، އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތުން ކަމުގައި އިޝާމް ފާހަގަކުރިއެވެ.

މީގެ އިތުރުން ފުލް ޓައިމްކޮށް، މިއުޒިކް ހެދުމުގައި ނޫޅެވުމަކީވެސް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް އޭނާ ބުނެއެވެ.

އަދިވެސް މިއުޒިކް މި ހަދަނީ ސޮޕްޓްވެއަރ ބޭނުންކޮށްގެން. މިއުޒިކް ހެދުމަށް ބޭނުން ކުރާ އަމިއްލަ އިކިއުޕްމެންޓް ނެތުމަކީ ލިބޭ ވަރަށް ބޮޑު ގޮންޖެހުމެއް 

އިޝާމް ބުނި ގޮތުގައި ސްޓޫޑިއޯއެއް ހުރެގެން ހަދާ މިއުޒިކް ފުރިހަމަ ވެފައި ރީތިވާނެއެވެ.

"ސްޓޫޑިއޯއެއްގައި، ސީދާ އެކަމަށް ޑެޑިކޭޓްވެގެން ކުރާ ކަމެއް ވިއްޔާ ރަނގަޅުވާނެ"

ދާން ބޭނުންވާ ހިސާބު؟

އިޝާމްގެ އުންމީދަކީ ރާއްޖެއަށް މުޅިން އައު މިއުޒިކްތައް ތަޢާރަފްކޮށް، ރާއްޖެއަކީވެސް ބައިނަލްއަޤުވާމީ މައިދާނުގައި މިއުޒިކުގެ ދާއިރާގައި ވާދަކޮށްލެވޭނެ ފަދަ ޤައުމެއްކަން ސާބިތުކޮށްދިނުމެވެ. މީގެ އިތުރުން ދުނިޔެ ޤަބޫލު ކުރާ ފެންވަރުގެ މިއުޒީޝަނަކަށް ވުމަކީ އޭނާގެ އެންމެ ބޮޑު އުންމީދު ކަމަށް އިޝާމް ބުނެއެވެ.

ހަ އަރުގެ މަސައްކަތުން މިހާރު މިހުރީ އަމިއްލަ ލަވައެއް ރިލީސް ކުރެވޭ ހިސާބުގައި. އަސްލު ބޭނުންވަނީ ބޭރުގެ މަޝްހޫރު ޑީޖޭއިންނާއި އެއްފެންވަރަކަށް ދާން. މަސައްކަތް ކޮށްފިނަމަ އެ ފެންވަރަށް ދެވޭނެ ކަމަށް މިހާރު ޤަބޫލު ކުރަން

އިޝާމްއަކީ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. މިއުޒިކް ހެދުމުގެ އިތުރުން އިޝާމްއަކީ ބީޓްބޮކްސް ކުޅުމާއި، ނެށުމުގެ ހުނަރުވެސް ލިބިފައިވާ ފަންނުވެރިއެކެވެ. އިޝާމް ބުނި ގޮތުގައި ފުރުސަތެއް ލިބިއްްޖެނަމަ މިއުޒިކްގެ ދާއިރާއިން އެންމެ އުހަށް ދިއުމަށް އޭނާ ހުރީ ތައްޔާރަށެވެ.

އިޝާމްގެ މިއުޒިކްތައް އަޑު އަހާލުމަށް އޭނާގެ ފޭސްބުކް ޕޭޖު Abdulla Isham އަށް ޒިޔާރަތް ކޮށްލައްވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.