ދެމީހަކު ފެނި ލޯބިވެވި ރައްޓެހިވެއެވެ. ބައެއް ފަހަރު ފިރިހެނާ އިސްވެއެވެ. އަނެއްބައި ފަހަރު ކޮންމެވެސް މީހެއްގެ އެހީތެރިކަމާއެކުއެވެ. މިބުނާ ކަނދުފައްޗެއްގެ އެހީގައެވެ. މިގޮތަށް ރައްޓެހިވެ މާފޮޅުވުންތައް ފޮޅުވާތާ އަހަރު ދެއަހަރުވެ ކައިވެންޏާ ހިސާބަށްދެއެވެ. އަދި އެހާތަނަށް ފިރިހެން ސޮރަށް އެއްކުރެވުނުހާ ރުފިޔާއެއް އެކަމަށް ހޭދަ ކޮށްލައެވެ. ނުވިތާކަށް ރައްޓެހިން އަތުން ލޭންދޭނަށް ތަކެއްޗާއި ރުފިޔާ ހޯދައިގެންވެސް އެންމެ ފުރިހަމަ ޕާޓީއަކަށް އެ ޕާޓީ ހެދޭތޯ ބަލައެވެ. ނަމަވެސް ބޮޑު ޚަރަދެއްކޮށް ބާއްވާ ކައިވެނި ޕާޓީއަށް 2 މަސްވެސް ނުވެ އުޅެނީސް ކައިވެނީގެ ގޮށް މުހާލަން ޖެހެނީއެވެ. މިއީ މި ކުޑަކުޑަ މުޖުތަމަޢުގައި އާންމުވެފައިވާ ކަމެކެވެ. އެންމެ ވަރި ގިނަ ލިސްޓަށް މި ރާއްޖެ އަރާފައިވާ ކަމީ މިކަން އަންގައިދޭ ކަމެކެވެ.

ހިތާވެގެން ހަމަ އެހާ ދުވަހު އުޅެން ޖެހޭ ހެއްޔެވެ؟ މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ. އިސްލާމީ މުޖުތަމަޢުއެއްގައި މިކަން މިހެން ވެގެން ނުވާނެއެވެ. ކައިވެނިތައް ރޫޅެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ މިއީކަމުގައި ބެލެވިދާނެއެވެ. ކައިވެނި ނުކޮށް އެހާ ގިނަ ދުވަހު އެކަހެރި ބައްދަލުވުންތައް ބާއްވައި ހެއްދެވިހާ ގޯސްކަމެއް ކުރުމަށްފަހު އަދި ކިތަންމެ ބޮޑު ޚަރަދެއް ކުރިނަމަވެސް ބިންގާ އެޅިފައި އެ ހުރީ ކައްޗަށެވެ. އިހު މީހުން ބުނެފައިވާ ފަދައިން ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިއަސް ހުންނާނީ ހަމަ ކައްޗަށެވެ. 

ދެވަނަ ކަމަކަށް ކައިވެނި ޕާޓީގެ ކަންކަމަށް އެކުރާ ހޭދައަކީ މީހަކު ސިއްސައިގެންދާހާ ބޮޑު ހޭދައެކެވެ. ޕާޓީގެ ދަޢުވަތު ކާޑުން ފެށިގެން ޕާޓީގައި ދެމަފިރިން ތުރުކުރާ އަންނައުނުގައި ޖަހާފައި ހުންނަ ދައްޗަށް ދަންދެން އަގުމަގު ކުރާއިރު ލައްކަ ދެލައްކައިން އަރާނެއެވެ. ޕާޓީގައި ހިމަނާ ގިނަ އެއްޗިއްސަކީ ސީދާ ދެއްކުންތެރިކަމަށް، އެކަކަށްވުރެ މޮޅަށް އެކަން ކުރުމުގެ ބޭނުމުގައި ހިމަނާ ކަންކަންކަމުގައި ވެފައި ބޮޑު ޚަރަދެއް ކުރުމަކީ އިސްރާފެއްކަމުގައި ނޫނީ ނުވާނެއެވެ. ކައިވެނީގެ މަތިވެރި ގޮށްޖެހުމުގެ ދެވަނަ ފިޔަވަހީންވެސް 'ފެއިލް'ވީއެވެ. އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ އިސްރާފްކުރުން އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ފަހަކަށް އައިސް ފެންނަ ޕާޓީތަކުން ފެންނަ ކަމީ މިފަދަ ބޮޑު ޚަރަދެއްކުރާ ކައިވެނިތައް ދިގުލާ ނުދިޔުމުގެ އެއް ސަބަބެވެ.

ހިތާވެ އެހާ ގިނަ ދުވަހު އުޅެމެ، ބޮޑު ޚަރަދެއްކޮށް ޕާޓީ ބޭއްވިއަސްމެ، ކައިވެނި ކުރުމަށްފަހު ދެމީހުން އަސްލު އެކަކު އަނެކާއަށް އެނގެން ފެށުމާއެކު މިކުރެވުނު ކަންތައް އިހްސާސްވަނީއެވެ. ހަގީގަތުގައި އެކަކު އަނެކާ ދަސްވަނީ ކައިވެންޏަށްފަހުއެވެ. ދެމީހުންމެ ދައްކާ ދަޅަތައް އަސްލަށް ފެންނަނީ އޭރުންނެވެ. ކެނޑިހާ ފޮންޏެއްގެ ހިތިކަންވެސް ތަޖުރިބާ ކުރެވެނީ އޭރުންނެވެ. މިކަންކަން އެނގޭއިރު ވަގުތު އޮންނަނީ ފާއިތުވެފައެވެ. ކައިވެނި ކުރެވިފައެވެ. އެހެންކަމުން ދަރިންނާ ވުމުގެ ކުރިން އަވަހަށް ދެމީހުން ދުރުވަނީއެވެ. 

މިކަމުގެ ހައްލު ކިތަންމެހާވެސް ސާފެވެ. އިސްލާމީ ރިވެތި އުޞޫލުގައި ހިފަންވީއެވެ. މައިންބަފައިން މިކަމުގައި ނަމޫނާ ދައްކާ ނަޞޭހަތް ދޭންވީއެވެ. ހިތާވެގެން އުޅުނަ ނުދީ ކައިވެނި ކުރުމަށް ބާރު އަޅާ އަވަހަށް ކައިވެނި ކުރުވަންވީއެވެ. ކައިވެނީގެ ހަފްލާތައްވެސް ދެއްކުންތެރިކަމުން އެއްކިބާކޮށް މީހުންގެ އެސްފީނާތަކުން ދުރުވާނޭހެން ޚަރަދުކުޑަ އަދި ދީނުގައި އަންގަވާފައިވާ ގޮތަށް ރާވަންވީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.