ސްޕެނިޝް ލީގުގައި އިއްޔެ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ރަށުންބޭރުގައި އެއިބާ އަތުން މޮޅުވެ ތާވަލްގެ އެންމެ ކުރިއަށް ޖެހިލިއިރު، ކުރިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ރަށުން ބޭރުގައި މަޔޯކާ އަތުން ބަލިވެފައެވެ.

އެއިބާގެ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ 3-0 އިން މޮޅުވިއިރު، މަޔޯކާ އަތުން ރެއާލް ބަލިވީ 1-0 އިންނެވެ. އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ރޭގެ މެޗުތަކަށްފަހު ބާސެލޯނާ އަށް ނުވަ މެޗުން 19 ޕޮއިންޓް ލިބފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރެއާލް އެވެ. 17 ޕޮއިންޓާއެކު ގްރަނާޑާ ތިންވަނައިގައި އޮތްއިރު، ހަތަރުވަނައިގައި އުޅޭ އެތުލެޓިކޯ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ކެޓަލޫނިއާ ސަރަހައްދުގައި މިދުވަސްކޮޅު ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން އެ ޓީމަށް އެއިބާ އަށް ދަތުރުކުރުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވެފައިވާއިރު، މިކަމުގެ ސަބަބުން ކުރިއަށް އޮތް ހަފްތާގައި ވާދަވެރި ރެއާލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލެސިކޯގެ މެޗުވެސް ވަނީ ފަސްކުރެވިފައެވެ.

ރޭގެ މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑްނަގައިދިނީ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. މި ހާފުގައި އެ ޓީމުގެ ލީޑް ފުޅާކުރުމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް ލިބުނު ފުރުޞަތު ބޭކާރުވިއިރު، އެއިބާ އަށް ލީޑްނަގައިދިނުމަށް ސާޖިއޯ އަލްވަރޭޒް އަށް ލިބުނު ފުރުޞަތުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެތެރޭގައި ބާސެލޯނާގެ ދެވަނަ ލަނޑު، ގްރީޒްމަން ދިން ބޯޅައަކުން ލިއޮނަލް މެސީ ކާމިޔާބުކުރިއިރު، މެޗުގެ 66 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ އެ ޓީމުގެ ފޯވާޑްލައިންގައި ހަރަކާތްތެރިވަމުން އަންނަ މެސީ އާއި ސުއަރޭޒް އަދި ގްރީޒްމަންގެ ކުޅުމަށް ތައުރީފްކޮށްފައެވެ. އެގޮތުން، ވަލްވާޑޭ ބުނީ ދުނިޔޭގެ ފެންވަރުގެ ހުނަރުވެރި ގިނަ ކުޅުންތެރިންނަށް އެކުގައި ކުޅެލުމަކީ އުނދަގޫކަމެއް ނޫންކަމަށާއި، އެކަމަށް އެކަށީގެންވާ ވަގުތުލިބި ނަތީޖާތައް ރަނގަޅުވާނެކަން ރޭގެ މެޗުގައި ދެއްކި ކުޅުމުންވެސް ފެނިގެންގޮސްފައިވާކަމަށެވެ.

މަޔޯކާގެ ދަނޑުގައި ރެއާލް ކުޅުނު މެޗަށް އެ ޓީމުން ނިކުތީ އާއްމުކޮށް ފުރަތަމަ އެގާރައިގައ ހިމެނޭ ގިނަ ކުޅުންތެރިންނާ ނުލައެވެ. އެގޮތުން، ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ލުކާ މޮޑްރިޗް އާއި ޓޯނީ ކްރޫސްގެ އިތުރުން ގަރެތު ބޭލް އަދި ޑެނީ ކަރްވަހާލް އަށް ނުކުޅެވުނުއިރު، ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑަށް ރޭގެ މެޗުގައި ނުކުޅެވުނީ އާއިލީ ސަބަބަކާ ހުރެއެވެ. މީގެއިތުރުން، ތުރުކީގެ ގަލަތަސާރޭއާ ދެކޮޅަށް ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅޭ މެޗު ކުރިއަށް އޮތުމުން ފްރާންސްގެ ޑިފެންޑަރުން ކަމަށްވާ ރަފައެލް ވަރާން އާއި ފޭލަން މެންޑީ އަށް ވަނީ ރެސްޓްދީފައެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ރެއާލަށް ލީޑްނަގައިދިނުމަށް ސްޕެއިނުގެ މިޑްފީލްޑަރު އިސްކޯ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ މަޔޯކާގެ ގޯލްކީޕަރު މަނޯލޯ ރެއިނާ މަތަކުރިއިރު، މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޔޯކާގެ ފޯވާޑް ލާގޯ ޖޫނިއާ އެވެ. އޭގެފަހުން، ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް މާސެލޯ އާއި ހަމޭސް ރޮޑްރިގޭޒްގެ އިތުރުން ވިނީޝަސް ޖޫނިއާ އަދި އެޑާ މިލިޓާއޯ އަށް ލިބުނު ފުރުޞަތުތައް ބޭކާރުވިއިރު، އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި، ވެލެންސިއާ އާ ދެކޮޅަށް އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޑިއޭގޯ ކޮސްޓާ ކާމިޔާބުކުރި ގޯލުން އެތުލެޓިކޯ ލީޑްނެގިނަމަވެސް، ފަހު ހާފުގެ ކުޅުން ނިމެން 8 މިނެޓަށްވެފައިވަނިކޮށް ވެލެންސިއާ އަށް އެއްވަރުކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ޑެނީ ޕަރޭހޯ އެވެ. މެޗުގެ އިތުރުވަގުތުގައި ވެލެންސިއާ އަށް ކުޅެމުން އަންނަ ދެކުނު ކޮރެއާގެ ޒުވާން ފޯވާޑް ކަން-އިން ލީ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.