އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޕެރޭޑް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ރެހެންދި ސްކޫލު ސަރަޙައްދުން ފެށި މި ޕެރޭޑް ނިންމާލާފައި ވަނީ ސެންޓްރަލް ޕާކު ސަރަޙައްދަށެވެ. އަމީނިއްޔާ ސްކޫލުން އިންތިޒާމުކުރި މި ޕެރޭޑުގައި އެ ސްކޫލުގެ ސްޓާފުންނާއި މިހާރުގެ ދަރިވަރުންނާއި އިހުގެ ދަރިވަރުންނާއެކު ދެހާހެއްހާ ފަރާތުން ބައިވެރިވިއެވެ.

އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލްގެ މި ޙަރަކާތުގައި ބައިވެރިވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ޕެރޭޑުގެ ބައެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަމީނިއްޔާ ސްކޫލުން އިންތިޒާމުކުރި މި ޕެރޭޑުގެ މަޤްޞަދަކީ އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމާއި އަމީނިއްޔާ ސްކޫލަށް ނިޞްބަތްވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެކުވެރިކަން އާލާކުރުމެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދަށް ޕެރޭޑް ނިންމުމަށްފަހު ސެންޓްރަލްޕާކްގައި ވެސް އަމީނިއްޔާ ސްކޫލުން ވަނީ ހަރަކާތްތަކެއް ބާއްވާފައެވެ. ޕެރޭޑް ނިންމުމަށްފަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އަމީނިއްޔާ ސްކޫލުގެ ޕެރޭޑުން ފެނިގެންދިޔައީ އެކުވެރިކަމާ އެއްބައިވަންތަކަން ފާހަގަކުރައްވައި ދިވެހިންގެ ތެރޭގައި މި އޮތް އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބައިބައިވުން އުފެދޭ ކަންކަމާއި ހަމަޖެހުން ގެއްލިދާފަދަ ކަންކަމާއި ރުޅިވެރިކަން އުފެދޭ ކަންކަމުން ދުރުހެލިވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން  ދިވެހިންނަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ތިބޭ އެކުވެރި ބައެއްކަމަށާއި، ދިވެހިންނަށް ލިބޭ ކާމިޔާބީގެ ނަތީޖާއަކީ ވެސް އެއީކަން އެމަނިކުފާނު  ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.