މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް، ތ. ހިރިލަންދޫގައި މިއަދު ބޮޑު ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.

ހިރިލަންދޫ ޒުވާނުންގެ ބައެއް އިސްނަގައިގެން "ނަބިއްޔާގެ ދިފާއުގައި"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހިނގައިލުން ކުރިއަށް ގޮސްފައިވަނީ މިއަދު ހަވީރު 16:00 އިން 17:00 އަށެވެ. އެ ރަށު ބަނދަރު ސަރަހައްދުން ފެށި މި ހިނގައިލުމުގައި އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީއެންއާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.

ހިނގައިލުމުގެ ބައިވެރިވި މީހުން މައިގަނޑު ގޮތެއްގައި ގޮވާލައިފައިވަނީ، މާތްވެގެންވާ އިސްލާމްދީނާއި، ރަސޫލާ ސައްލަﷲ އަލަޢިހި ވަސައްލަމައަށް ފުރައްސާރަކޮށް، ބަދުބަސް ބުނި މީހުންނަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، އިސްލާމްދީނާއި ދެކޮޅު ރިޕޯޓު ނެރުނު އެމްޑީއެންއަށް ޤާނޫނީ ގޮތުން އަދަބު ދީ އެ ޖަމިއްޔާ ވަގުތުން ވަގުތަށް އުވާލުމަށެވެ.

ހިރިލަންދޫގެ އިތުރުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އެމްޑީއެމްއާއި ދެކޮޅަށް އެއްވުންތައް ބާއްވައިފައެވެ. އޭގެ ތެރޭގައި، ޅ. ނައިފަރު، ރ. ހުޅުދުއްްފާރު، ރ. ރަސްގަތީމު، ޅ. ނައިފަރު، ނ. މާފަރު، ރ، އަނގޮޅިތީމު އަދި ހއ. ކެލާގެ އިތުރުން ތ. ވިލުފުށި ހިމެނެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެ ޖަމިއްޔާއާއި މެދު ފިޔަވަޅު އެޅުމަށް 30 ކައުންސިލަކުން ވަނީ ގޮވާލާފަ އެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. އަދި ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

އަދި އިސްލާމްދީނުގެ ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. އެ ރިޕޯޓުގައި ވަނީ ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

އެމްޑީއެމް އުވާލުމަށް ރާއްޖޭގެ ގިނަ ބަޔަކު ގޮވާލަމުން އަންނައިރު، އެ ޖަމިއްޔާ ވަނީ ރިޕޯޓުގެ މައްސަލައިގައި ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.