މާތް ﷲގެ މި ނިދާއަށް ކިޔަމަންތެރިވެ ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަޞީބުވެރިއެކެވެ. ހުކުރު ދުވަހުގެ ހުކުރު ޚުޠުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދުތަކެކެވެ. އެ ޚުޠުބާ އަކީ އެއާ ނުލައި ހުކުރު ނަމާދު ފުރިހަމަ ނުވާނެ އެއްޗެކެވެ. އެޚުޠުބާގައި މާތް ﷲ އަށް ޙަމްދާއި، ތަޢުރީފު ކުރެއެވެ. އަދި ﷲ އަށް ތަޤުވާވެރިވުމަށް ވަޞިއްޔަތް ކުރެވެއެވެ. އެކަލާނގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ޞަލަވާތް ކިޔެވެއެވެ. އަދި މުޖުތަމަޢުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން ޢަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެނީ އެޚުޠުބާގައެވެ. އެއީ މުސްލިމު މުޖުތަމަޢުގެ ދިރުމެވެ. ހުކުރު ޚުޠުބާ އަކީ މިފަދަ މުހިންމު އެއްޗަކަށް ވީހިނދު އެޚުޠުބާ ކަނުލައި އަޑުއެހުމަށް، ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އިސްލާމީ އުންމަތަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކިއެއްތަ ޚުތުބާ ކިޔަމުންދާ ވަގުތު ވާހަކަދެއްކުމަކީ ފާފައެކެވެ.

ހުކުރުދުވަހުގައި ސަމާލުވާންޖެހޭ ކަންކަމުގެ ތެރޭގައި ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ސާފުތާހިރު ރީތި ހެދުމެއް ލުމާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް އަވަހަށް ޙާޟިރުވުމާއި، މީހުންގެ ކޮނޑުމަތިން ހުރަސް ނުކޮށް މިސްކިތަށް އެރުމާއި، ކުރިން އަންނަ މީހުން މިސްކިތުގެ ކުރީގެ ސަފުތައް ފުރަމުން ގެންދިއުމާއި، މިސްކިތަށް ވަދެ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެރަކުޢަތް ކުރުމާއި، ސަފުތައް ސީދާކުރުމާއި، ޚާއްޞަކޮށް މިސްކިތުން ބޭރުގައި ހެދޭ ސަފުތައް މިސްކިތުގެ ސަފުތަކާއި ގުޅުވައިގެން ހެދުމަކީ ސަމާލުވާންޖެހޭނެ ކަންތައްތަކެވެ. އަދި ހަމަ އެފަދައިން ހުކުރު ދުވަހުގައި ކަހްފް ސޫރަތް ކިޔެވުމަކީ ވެސް ސުންނަތެކެވެ. މިއިން ކޮންމެ ކަމަކީ އެކަންކަމާއި ބެހޭގޮތުން ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައި ހުރި ކަންކަމެވެ.

- މަސްދަރު- ޢިލްމް.އެމްވީ-

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.