ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ފައިނަލުން ބ. އޭދަފުށްޓާއި ތ. ތިމަރަފުށި ފުރުޞަތު ހޯދައިފިއެވެ.

ހުޅުމާލެ ރެހެންދި ސްކޫލް ކައިރީގައި ހުންނަ ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން އޭދަފުށި ފުރުޞަތު ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ށ. ގޮއިދޫ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގެ ފަހު ޖާގަ ތިމަރަފުށިން ކަށަވަރުކުރީ ފޯރިގަދަ ކުޅުމަކަށްފަހު ލ. ގަން 0-1 އިން ބަލިކޮށްގެންނެވެ.

ސެމީގެ ފުރަތަމަ މެޗަށް އޭދަފުށި ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އަށް ނުކުޅެވުމެވެ. ސައްޓު މިވަގުތުވީ އޭނާ ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބާއެކު ބަންގްލަދޭޝްގައި އޮންނަ ފުޓްބޯޅަ މުބާރާތަކަށް އެ ގައުމަށް ގޮހެވެ. މީގެއިތުރުން، ރޭގެ މެޗުގައި އެ ޓީމު އެންމެ ފަހުން ރ. އިނގުރައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ނުކުޅެވުނު އަލީ ފާސިރު (ސެންޓޭ) އާއި ހައިޝަމް ހަސަން ވަނީ ފެނިފައެވެ.

ރޭގެ މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އަބްދުﷲ އަބޫބަކުރު ކާމިޔާބުކުރި ގޯލުން ލީޑްނަގައިދީފައިވާއިރު، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ގޮއިދޫ އަށް އެއްވަރުކޮށްދިނީ އިބްރާހިމް އަލީ އެވެ. ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ހައިޝަމް ހަސަންގެ ގޯލުން އޭދަފުށި ދެވަނަ ފަހަރަށް ލީޑްނަގާފައިވަނިކޮށް، އޭގެ ހަތް މިނެޓުފަހުން ގޮއިދޫ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުސައިން ސިމާހް އެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އޭދަފުށި މޮޅުވި ލަނޑުޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.

މި މުބާރާތުގައި ރޭ ކުޅެވުނު ސެމީގެ ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ތިމަރަފުށިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އަލީ ޝިފާއު (ރޮނާ) އެވެ. ފޯރިގަދަ ކުޅުމަކަށްފަހު ފުރަތަމަ ހާފު ނިމުނީ 1-0 އިން ތިމަރަފުށި ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ގަމުން ލަނޑެއްޖެހުމަށް ކުރިމަސައްކަތްތައް ކާމިޔާބުވާގޮތެއްނުވިއެވެ. މި ހާފުގައި ތިމަރަފުށީގެ ލީޑް ފުޅާކުރުމަށް އިބްރާހިމް އަސްވަދު (ގަބޭ) އަށް ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައިވާއިރު، ގަމުން ނަތީޖާ ހަމަހަމަކުރުމަށް އެ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު ޝަރުހާން މަތަކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުން ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާކުރި ތިމަރަފުށީ ޓީމުގެ ކެޕްޓަން އިބްރާހިމް ސިނާހް (ސިނާ) އެވެ.

މިފަހަރުގެ މުބާރާތުގައި މުޅި ރާއްޖޭން 66 ޓީމަކުން ބައިވެރިވިއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 20:15 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.