އަމިއްލަ އެދުމާއި، މަޞްލަހަތަށްވުރެ, ރައްޔިތުންގެ އެދުމާ މަޞްލަހަތާ އުއްމީދުތައް އިސްކުރަން ފުލުހުންގެ ކިބައިން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެދިވަޑައިގެންފިއެވެ.

އެމަނިކުފާން މިކަމަށް އެދިވަޑައިގަތީ ޝަރަފްގެ ނިޝާނާއި ކުލަ ދިނުމުގެ ރަސްމިއްޔާތުގައި މިއަދު ފުލުހުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރެއިން ކުރިއަރާދާންވާނީ ރައްޔިތުންގެ މަޞްލަހަތު އިސްކޮށް ރައްޔިތުންގެ އެދުމާ އުއްމީދުތައް އިސްކުރާ ބައެއްކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގެ އިތުބާރު ދަމަހައްޓާ ބަޔަކަށްވެސް ފުލުހުން ވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކޮންމެ މީހެއްގެ ކިބައިން ޚާއްޞަކޮށް މިއަދު ޕްރޮމޯޝަން ލިބުނު ބޭފުޅުންގެ އަރިހުން އެދިވަޑައިގަންނަވާ މުޙިއްމު ދެކަމެއް އެބައޮތްކަމަށެވެ. އެއީ ތިމާގެ އެދުމާއި މަސްލަހަތަށްވުރެ ރައްޔިތުންގެ އެދުމާއި މަސްލަހަތު އިސްކުރުމާއި، މުއައްސަސާގެ އިތުބާރު ހޯދާ ދަމަހައްޓަން މަސައްކަތްކުރުމެވެ.

" ތިމާގެ އަމިއްލަ އެދުމާ މަޞްލަހަތަށްވުރެ ރައްޔިތުންގެ އެދުމާ މަޞްލަހަތާ އުއްމީދުތައް އިސްކުރާށޭ. ދެވަނަކަމަކީ ހަޤީޤަތުގައިވެސް މިވަގުތަށް ވަރަށް މުޙިއްމުކަމެއް. އަޅުގަނޑުހިތުން ކޮންމެ މަދަނީ ތަހުޒީބު މުޖުތަމައެއްގައި އެންމެ މުޙިއްމު އެއްސިފައަކީ އެބައެއްގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރަން އޮންނަ މުއައްސަސާއާމެދުގައި އިތުބާރު ޔަޤީންކުރުން. އާދެ އެހެންކަމުން މިމުއައްސަސާގެ ކަރާމާތާއި، މުއައްސަސާގެ ޝަރަފާއި އިއްޒަތް ދަމަހައްޓަން ތިއްބެވީ ތިޔަބޭފުޅުން. އާދެ އެހެންކަމުން އަޅުގަނޑުމެން ކޮންމެ އޮފިސަރަކީ ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު މިމުއައްސަސާގެ ކަރާމާތާއި، ޝަރަފާއި، އިއްޒަތާ ފުށުއަރާހިނދު ތިމާގެ އަމިއްލަ އެދުމާއި މަސްލަހަތު ދޫކޮށް މުއައްސަސާގެ ޝަރަފާއި ކަރާމަތާއި އިއްޒަތް ދެމެހެއްޓޭނެ ބޭފުޅަކަށްވާށޭ. އެސިފަ އަށަގަންނުވަންވީ، އެސިފަ ލިބިގަންނަންވީ. މިސިފަ އަށަގަންނުވައިގެން ކުރިއަށްދާނަމަ އަޅުގަނޑުމެންގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކިބައިން ރައްޔިތުން އުއްމީދުކުރާ ޝަރަފްވެރި އަބުރުވެރި އިއްޒަތްތެރި މުއައްސަސާއެއްގެ ގޮތުގައި މިމުއައްސަސާ ވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ އެންމެ އިސްވެރިންވެސް ތިއްބެވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ކިބައިން ޚާއްޞަކޮށް މުއައްސަސާގެ އިސްބޭފުޅުންގެ ކިބައިން ރައްޔިތުން އުއްމީދުކުރާނެ ކަމެއް އެބައޮތްކަމަށެވެ. ރައްޔިތުން ބޭނުންވާ އެއްކަމެއް އެބައޮތްކަމަށެވެ.

"އެކަން އެހެންވާންޖެހެނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހެދިބޮޑުވެގެންދަނީ، މުއައްސަސާތައް ދެމެހެއްޓިގެންދަނީ މުއައްސަސާތައް ފުރިހަމަވެގެންދަނީ ރައްޔިތުންގެ ބައިވެރިވުން އޮވެގެންކަމަށްވާތީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުއައްސަސާތައް ހިނގަނީ ރައްޔިތުންގެ ބައިޠުލްމާލުން، ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ލިބޭ އާމްދަނީންކަމަށާއި، އެހެންކަމުން ކޮންމެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުން ބޭނުންވާ އުއްމީދު ހޯދަންޖެހޭކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާއަކީ އަޅުގަނޑުމެން ވަރަށްބޮޑު އުއްމީދެއް ވަރަށްބޮޑު އެދުމެއް އޮތް މުއައްސަސާއެއްކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

" ރައްޔިތުން މިމުއައްސާގެ ކިބައިން އެދޭ ގިނަ ކަންތައްތަކެއް އެބަހުރި. އާދެ، ތިޔަބޭފުޅުން ވިސްނަވާ. ރައްޔިތަކަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހިނދަކު އެންމެ ފުރަތަމަ މުއައްސަސާތަކުގެ ތެރެއިން ހަނދާނަށް އަންނަނީ ފުލުހުންގެ މުއައްސަސާ. ކަނޑުމަތީގެ ހާދިސާއެއް ދިމާވިޔަސް، އެވަގުތު އެކަމުން ސަލާމަތްވާން ދަނީ ފުލުހުންނާ ދިމާއަށް، އަލިފާނުގެ ހާދިސާއެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާއިލާގެ ތެރޭގައި މައްސަލައެއް ދިމާވިޔަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، މުދަލަށް ގެއްލުމެއް ލިބުނަސް ފުލުހުންނާ ފުރަތަމަ ގުޅާނީ، އާދެ އެހެންކަމުން ރައްޔިތުން އުއްމީދުކުރޭ މީގެއިން ކޮންމެ ވަގުތެއްގައި ކޮންމެ ހާލަތެއްގައި އެންމެ އަވަސްކަމާއި އެންމެ ފުރިހަމަކަމާއެކު ފުލުހުންގެ މުއައްސަސާއިން ރެސްޕޮންޑްކުރުން. އަދި އެވަރަކުން ނުނިމޭ، ރައްޔިތުން އެދޭ މިންވަރަށް ރައްޔިތުން އެދޭގޮތަށް އެކަންކަމަށް ރެސްޕޮންޑްކުރުން އެއީ މިމުއައްސަސާގެ އެންމެ މުޙިއްމު އެންމެބޮޑު އެއް އަމާޒު. " މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެން ކުރަމުން މިދަނީ އެމަސައްކަތް ކަމަށާއި، ހަވާލުކުރެވިފައިވަނީވެސް އެމަސައްކަތްކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ އެމީހުންގެ ސަލާމަތާއި، ރައްކާތެރިކަން ކަމާއި، ސުލުހަ މަބަލަސްކަމާއި، ހަމަޖެހުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން އެދެނީ އެމީހުންނަށް ދަތިވެ އުނދަގޫވާ ވަގުތު، ކަމެއް ބޮޑުވާ ވަގުތު އެކަމުން ސަލާމަތްވާނެ މަގުތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގައި އެންމެ މުޙިއްމު ޒިންމާއަކާއި، މަޞްޢޫލިއްޔަތެއް އޮތް ފަރާތަކީ އަޅުގަނޑުމެންކަމާމެދު އެއްވެސް ބޭފުޅަކު ޝައްކު ނުކުރާނެކަމަށް ފުލުހުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

" ކޮންމެ ފުލުހަކުވެސް ވިސްނަންޖެހެނީ ތިމާއާ ކިހާވަރެއްގެ ޒިންމާއެއް، މަޞްޢޫލިއްޔަތެއްތޯ ހަވާލުކުރެވިފައިވަނީ. ޝަރަފާއެކުގައި މިޒިންމާ އެންމެ ހެޔޮގޮތުގައި އަދާކޮށްދެވޭނީ އަޅުގަނޑުމެންގެ މުއައްސަސާއަށް. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅު ނިންމާލައްވަމުން ތަކުރާރުކޮށް އެދިވަޑައިގަތީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.