ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އެމަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ނިންމި ނިންމުން ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފިއެވެ.

އެގޮތުން އެ ނިންމުން ބާތިލުކުރަން ހުށަހެޅީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖީހާން މި ހުށަހެޅުން ހުށަހެޅީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅެއް ނުވެއެވެ. އެ ހުށަހެޅުން ފާސްވީ ހަތަރު މެމްބަރުންގެ ތާއީދާއެކުއެވެ.

ޕީޖީ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް އިއްޔެ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނާ މިއަދު ކޮމިޓީއަށް ހާޒިރުވެފައެއް ނުވެއެވެ.

މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އެއަށްފަހު މަޖިލީހުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

19 ވަނަ މަޖިލިސް ފެށުނުފަހުން މިނިވަން ބައެއް މުއައްސަސާތަކުގައި ތިއްބެވި އިސްވެރިން ވަކިކުރަން ކޮމިޓީތަކުން ފާސްކޮށްފައިވާއިރު ޕީޖީ ބިޝާމް މަގާމުން ވަކި ނުކުރާތީ ބައެއް އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.