ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައެއް އިސްލާމިކް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީއަށް ހުށައަޅައިފި އެވެ.

ރައީސް ނަޝީދުގެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށައަޅާފައި ވަނީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ސަލަފުންނެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ސޮއި ކުރައްވާ މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާ ރިޕޯޓް ދިފާއުކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ."... ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، ގ. ކެނެރީގޭ މުހައްމަދު ނަޝީދު، ތަފާތު އެކި މަގާމުތަކުގައި އަނބުރާހޭރިޔާ ކޮށްގެން ހީލަތްތެރި، މަކަރުވެރި އަންދާޒެއްގައި އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއްކަމުގައި ދައްކާ، މި ދިވެހި އިސްލާމީ މުޖްތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިދާ ފަދައިން ވާހަކަ ދައްކަމުންދާތީ އެކަން ހުއްޓުވައި ދެއްވައި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށައް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ދިނުމަށް އެދި ހުށައަޅަމެވެ." ސަލަފްގެ ސިޓީގައި ވެއެވެ.ސަލަފުން ބުނީ ގާނޫނުގެ ކުރިމަތީގައި ވަކި ރައްޔިތަކަށް ވަކި ގޮތެއް ހެދުމަކީ އަނިޔާއެއް ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހްތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ. "ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައް ވެސް ވިދާޅުވެ ދެއްވާފައެވެ. އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު އެރޭ ވިދާޅުވިއެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ. އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ. ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ. ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.