ސިއްޙީ ދާއިރާ ކުރިއެރުވުމުގައި މި ސަރުކާރުގެ ވިސްނުމަކީ ޢުމްރާނީ ތަރައްޤީއާއި އެއްހަމައެއްގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާގޮތަށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުންކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ހެލްތް މިނިސްޓަރ ވަނީ މިއަންނަ އަހަރަކީ ސަރުކާރުން އާންމު ސިއްހަތުގެ އަހަރުގެ ގިތުގައި ފާހަގަކުރާ އަހަރުކަން ފާހަގަކުރައްވާފައެވެ. ސިއްޙީ ދާއިރާއަކީ ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވާ ހެލްތް މިނިސްޓަރ ވިދާޅުވީ، މިދާއިރާއަށް ވޭތުވެ ދިޔަ ތަނުގައި އިހުމާލެވެފައިވާކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރުތަކުން މިދާއިރާއަށް އުމްރާނީ ތަރައްޤީ ގެނައުމަށް މަސައްކަތްކޮށްފައިވާއިރު، އާންމު ސިއްޙަތަށް މަސައްކަތް ނުކުރެވިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތް މިނިސްޓަރ ވަނީ، މި ސަރުކާރުން މިކަން ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިޔާސަތުތަކަށް ބަދަލުގެނެސް، މި އަމާޒަށް ހުރި ހުރަސްތަށް ނައްތާލާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިދަންނަވަނީ އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ވާހަކަ. އަޅުގަނޑު މިދަންނަވަނީ، ތިމާއަކީ ތިމާއާއި ތިމާގެ އާއިލާއާއި ދިރިއުޅޭ މުޖްތަމަޢުގެ އާއްމު ޞިއްޙަތަށް ފަރުވާވެ، މަޢުލޫމާތާއި ހެޔޮވިސްނުމުން ބާރުވެރިވެގެން، އާއްމު ޞިއްޙަތަށް ރައްކާތެރި މީހަކަށް ކޮންމެ ފަރުދަކުވެސް ވާންޖެހޭ ވާހަކަ. އަޅުގަނޑު މިދަންނަވަނީ، ސަރުކާރުގެ މުޅި ސިޔާސަތު، ހުރިހާ ދާއިރެއް ޝާމިލުވާނޭހެން، މި ދެންނެވިފަދައިން، އާއްމު ޞިއްޙަތު ރައްކާތެރިކުތރުމުގެ އަމާޒާ ދިމާއަށް މިޞްރާބުޖެހުމާއި، މި އަމާޒާ ފުށުއަރާ ނުވަތަ މި އަމާޒަށް ވާޞިލުވުމަށް ހުރަސް ނޭޅޭނޭހެން ބައްޓަންކުރަންޖެހޭ ވާހަކަ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ކުރިއެރުވުމުގައި މި ސަރުކާރުގެ ވިސްނުމަކީ އުމްރާނީ ތަރައްޤީއާއި އެއްހަމައެއްގައި ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާގޮތަށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުންކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެފައިވާއިރު، މިކަމަށް މަގުފަހިވުމައްޓަކައި ސަރުކާރުން މިހާރު ދަނީ ހެލްތް މާސްޓަރ ޕްލޭންގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ހުރިހާ ސިއްޙީ ޚިދުމަތްތަށްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލާ އެންމެން ޝާމިލުކުރުވާ ހަމަހަމަ ނިޒާމަކަށް ސިއްޙީ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.